މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތަ އާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހީމް ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވައިފިއެވެ.
މިއަދު، މިނިސްޓަރު ތޯރިޤް ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާއި ޚިދުމަތްތައް ދިނުމަށް ހުރި ދަތިތަށް ބައްލަވާލެއްވުމަށް ތިލަފުށި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށާއި، އެތަނާއި އިންވެގެން މިހާރު ހަދަމުންދާ ވޭސްޓު-ޓު-އެނަރޖީ ޕްލާންޓުގެ ސައިޓަށް ވަނީ ޒިޔާރަތްކުރައްވާފައެވެ.
މިނިސްޓަރު ތޯރިޤްގެ މި ދަތުރުގެ މައިގަނޑު އަމާޒަކީ ތިލަފުށީގައި ކުނި މެނޭޖްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި، އަލަށް ތަރައްޤީކުރަމުންދާ ވޭސްޓު-ޓު-އެނަރޖީ (ކުނިން ހަކަތަ އުފައްދާ) ޕްލާންޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމެވެ. މި ދަތުރުފުޅުގައި، މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބައްލަވާލައްވައި މަޝްރޫޢުގެ ސްޕީޑަށް އަސަރުކުރާ މައިގަނޑު ގޮންޖެހުންތައް ކޮންޓްރެކްޓަރުގެ އަރިހުން ވަނީ އޮޅުންފިލުވާފައެވެ. މީގެ އިތުރުން މިނިސްޓަރު ތޯރިޤް ވަނީ މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސް މަޝްރޫޢުގެ ތާވަލާއި އެއްގޮތަށް ނިންމުމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން މިނިސްޓަރ ތޯރިޤްވަނީ މިޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކޮށްފައިވާ ތިލަފުށި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އަށް ޒިޔާރަތްކޮށް، ވެމްކޯއިން ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ދިނުމަށް ހުރި ގޮންޖެހުންތައް އޮޅުންފިލުއްވާފައެވެ.
މި މަޝްރޫޢުގެ މުހިންމުކަމާ މި މަޝްރޫޢު ފެށުނު ގޮތުގެ މައްޗަށް އަލިއަޅުވާލަމުން މިނިސްޓަރު ތޯރިޤް ވިދާޅުވީ އިނިޝިއަލް ސްކޯޕިން އާއި ކޮންސެޕްޓް ކްލިއަރެންސްގެ އިތުރުން، ތިލަފުށީގައި މިވަގުތު ޤާއިމްކުރަމުންދާ ކުނިން ހަކަތަ އުފައްދާ ފެސިލިޓީ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް 2017 ވަނަ އަހަރު ނިމިފައިވާކަމަށެވެ.
ތިމާވެށީގެ މައްސަލަތައް ޙައްލުކޮށް، ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ހުރި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދައިދިނުމަށް އާ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމަނައިގެން، ކުނި މެނޭޖުކުރުމަށް ޤައުމީ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް، އެކަން ތަންފީޒުކުރަން ފެށުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ތޯރިޤްވަނީ ވިދާޅުވީ
2017 ވަނަ އަހަރު ތިލަފުށީގައި އަލަށް ހިއްކި ސަރަހައްދުގެ ތެރެއިން ބޮޑު ބިމެއްގައި ޤާއިމްކުރަމުންދާ، މިޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި ޕްރޮސެސްކޮށް، އެކުނިން 8-10 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ ޕްލާންޓެކެވެ. އަދި މިއީ މާލެ ސަރަޙައްދާއި ޒޯން 3 ގައި ހިމެނޭ އިތުރު 4 އަތޮޅާއި، މިސަރަހައްދުގައި ހުރި ރިސޯޓްތަކުގައި އުފެދޭ ކުނި މެނޭޖްކުރުމަށް އިންޤިލާބީ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމަށް މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢެވެ.
މި މަޝްރޫޢުއަކީ އޭ.ޑީ.ބީގެ ހިލޭ އެހީ އާއި އޭ.އައި.އައި.ބީ (އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް) އަދި އައި.އެސް.ޑީ.ބީ (އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް) ގެ އިތުރުން، ޖަޕާން ސަރުކާރުގެ ހިލޭ އެހީ އަދި ދިވެހި ސަރުކާރުގެ ބައިވެރި ވުމާއެކު ކުރިއަށް ގެންދާ ކުނި މެނޭޖްކުރުމުގެ އެންމެ ބޮޑު މަޝްރޫއެކެވެ. މި ޕްރޮޖެކްޓް އަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށްދާ މަސައްކަތެކެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި “ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މޭޖްމަންޓް ޕްރޮޖެކްޓް” ގެ ދަށުން ތިލަފުށީގައި ޒަމާނީ ފެންވަރެއްގެ ސަރަޙައްދީ ކުނިމެނޭޖުކުރާނެ މަރުކަޒެއް ޤާއިމްކުރެވި ވަނީ ނިންމާލެވިފައެވެ. މިފިޔަވަހީގައި މިހާތަނަށް ނިންމާލެވިފައިވާ މަސައްކަތްތަކަކީ:
މި ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހި “”ގްރޭޓަރ މާލެ ވޭސްޓު-ޓު-އެނާރޖީ ޕްރޮޖެކްޓް” ގެ މައިގަނޑު އަމާޒަކީ ތިލަފުއްޓަށް އުކާލުމަށް ގެނެވޭ ކުނި ރައްކާތެރި އަދި ދެމެހެއްޓެނިވިގޮތުގައި ނައްތާލުމުގެ ނިޒާމެއް ޤާއިމްކުރުމެވެ. މިގޮތުން ޑިޒައިން ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ވޭސްޓް-ޓު-އެނަރޖީ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ގޮތުން 2026 ވަނަ އަހަރު މި ޕްލާންޓްގެ މަސައްކަތް އެއްކޮށް ނިންމާލުމުން ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށްގެން 8-10 މެގަވޮޓްގެ ހަކަތަ އުފައްދާ މިސަރަހައްދުގެ ކަރަންޓް ގްރިޑަށް ދޫކުރެވިގެންދާނެއެވެ،
މިދެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 211 މިލިއަން އެމެރިކާ ޑޮލަރު (3.2 ބިލިއަން ދިވެހި ރުފިޔާ)އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ޑިސެމްބަރ 2024 ގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާއިރު ދެވަނަ ފިޔަވަހި 2026 ވަނަ އަހަރު ނިންމުމަށް ވަނީ ހަމަޖެހިފައެވެ.