English Edition
Dhivehi Edition

މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުމުގެ ސަބަބުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެންހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ސަރަހައްދުތައް އާންމު ހާލަތަކަށް ގެނެސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ހުކުރުވިލޭރެއިން ފެށިގެން މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގައި މާލެ އާއި ހުޅުމާލޭގެ ވަރަށް ގިނަ މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ މާފަންނުގެ މަގުތަކުގައެވެ.

މި ވިއްސާރައިގައި މަގުތަކުގައ ފެންބޮޑުވުމުގެ އިތުރުން ބައެއް ގޭގޭގައި ވަނީ ފެންބޮޑުވެފައެވެ. އެގޮތުން ވިއްސާރާގައި ފެން ބޮޑުވުމުގެ ސަބަބުން މާލޭގެ 144 ގެއަކުން ގުޅާ އެހީތެރިކަމަށް އެދުނުކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނެއެވެ. އަދި 8 ގެޔެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސައިދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މާލެއަށް ބޯކޮށް ވާރޭވެހި، ގޭގެއަށް ފެން ވަންނަމުންދާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ 176 ގެއެއްގައި ވެލިބަސްތާ ޖަހައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި 27،449 ޓަނުގެ ފެން ވަނީ ޕަންޕު ބޭނުންކޮށްގެން ހިންދާފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި މަސައްކަތުގައި 8 ސަރަހައްދެއްގައި 23 ޕަންޕު ބޭނުންކޮށްފައިވެއެވެ. މާލެ އާންމު ހާލަތަކަށް ގެނެސްފައިވަނީ ރޭ ފަތިހު ފަހެއް ޖަހާކަން ހާއިރުއެވެ.

މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވަނީ މާލޭގެ ގޭގެއަށް ޒިޔާރަތް ވެސް ކުރައްވައިފައިވެއެވެ. ނައިބު ރައީސްގެ އަރިހުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވަނީ ފެން ބޮޑުވެފައިވާ މަގުތަކަށާއި ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައިފައެވެ.