English Edition
Dhivehi Edition

ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީން ހިންގުމަށް ހަމަޖެހިފައިވާ ”ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ، ކްލާސް އޮފް 2025” ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ހަ ބައިވެރިއަކު ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މި ކޯހަކީ، ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީއިން އެމެރިކާގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަރސް ޑިގްރީ ކޯހެކެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2021 ޖޫން ގައެވެ.

އެމްއެންޑީއެފުން ބުނީ އެ ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، 2020 އޮކްޓޫބަރު 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ ގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.

އެ ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި، 2021 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ ޒަވާޖީ ޙަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުމާއި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއް ކަމުގައިވުމާއެކު ނަތީޖާ ރަނގަޅު ފަރާތަކަށްވުމާއި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

މީގެއިތުރުން، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) އާއި އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL) ޓެސްޓް ހަދާފައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މި ޓެސްޓް ތަކަކީ ކޯހަށް އެޕްލައި ކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓް ތަކެކެވެ.

އެ ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި ކެމިސްޓްރީ، އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، ޑިފެންސް ސްޓްރެޓެޖިކް ސްޓަޑީޒް، އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިންސް، މެތަމެޓިކްސް، އިންޓަރނޭޝަނަލް ރިލޭޝަންސް، ލީގަލް ސްޓަޑީޒް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ފިލޯސަފީ، ސައިކޮލޮޖީ އަދި ސޯސިއޮލޮޖީ ހިމެނެއެވެ. މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާ ބެހޭ މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ.

އެ ކޯހާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްއެންޑީއެފް ހެޑްކްއޯޓަރޒް ފޯނު ނަމްބަރު 3322607 އަށް ގުޅުއްވާފައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ އެކްސްޓެންޝަން ނަމްބަރު 2157 ނުވަތަ މޯބައިލް ނަމްބަރު 9871235 އަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.