English Edition
Dhivehi Edition

ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީން ހިންގުމަށް ހަމަޖެހިފައިވާ ”ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ، ކްލާސް އޮފް 2025” ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހަ ބައިވެރިއަކު ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ އެ ކޯހަކީ، ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީއިން އެމެރިކާގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަރސް ޑިގްރީ ކޯހެއް ކަމަށާއި، އެ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2021 ޖޫން ގައި ކަމަށެވެ.

މީގެ އިތުރުން އެ ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، 2020 އޮކްޓޫބަރު 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ ގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

އެމްއެންޑީއެފުން ބުނީ ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ، 2021 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ ޒަވާޖީ ޙަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުމާއި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއް ކަމުގައިވުމާއެކު ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ.

މީގެ އިތުރުން، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) އާއި އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL) ޓެސްޓް ހަދާފައިވާ ފަރާތެއް ކަމުގައި ވާންވާނެ ކަމަށާއި، އެ ޓެސްޓް ތަކަކީ ކޯހަށް އެޕްލައި ކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓް ތަކެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި އެއޮރޯސްޕޭސް އިންޖިނިއަރިންގ، ކެމިސްޓްރީ، ކޮމްޕިއުޓަރ ސައިންސް، ސައިބަރ އޮޕަރޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިކޮނޮމިކްސް، އިލެކްޓްރިކަލް އިންޖިނިއަރިންގ، ސައިންސް، އޯޝަނޮގްރޮފީ، މެތަމެޓިކްސް، ނޭވަލް އާރކިޓެކްޗަރ، އޮޕަރޭޝަންސް ރިސަރޗް، ފިޒިކްސް އަދި ޕޮލިޓިކަލް ސައިންސް ހިމެނެއެވެ. މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާ ބެހޭ މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ.

އެ ކޯހާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްއެންޑީއެފް ހެޑްކްއޯޓަރޒް ފޯނު ނަމްބަރު 3322607 އަށް ގުޅުއްވާފައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ އެކްސްޓެންޝަން ނަމްބަރު 2157 ނުވަތަ މޯބައިލް ނަމްބަރު 9871235 އަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.