English Edition
Dhivehi Edition

ފުވައްމުލައް ސިޓީ އިން މިއަދު ކޮވިޑް19 އަށް ފައްސިވި ކަމަށް ބުނާ މީހާ އަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން އަންގައިފައިވާ ގޮތުން އެ އަންހެން މީހާގެ ނަތީޖާ ނައްސި ކަމަށް އޭނާ ބުނެފިއެވެ.

އޭއޯ ނިއުސް އަށް ދިން އިންޓަވިއު އެއްގައި އެ އަންހެން މީހާ ބުނެފައިވަނީ އޭނާގެ ހޯމް ކަރަންޓީނު މުއްދަތު ނިމި ޓެސްޓުގެ ސާމްޕަލް ނަގައިފައިވަނީ އިއްޔެ ކަމަށާއި މިއަދު ހެނދުނު 09:00 ހާއިރު އެޗްޕީއޭ އިން ލިބުނު މެސެޖުގައިވާ ގޮތުން އޭނާގެ ނަތީޖާ ނައްސި ކަމަށެވެ.

މިއަދު ފުވައްމުލަކުން ފައްސިވެފައިވާ ކަމަށް ބުނާ މީހާއަށް އެޗްޕީއޭ އިން ލިބުނު މެސެޖުގެ ސްކްރީން ޝޮޓްއެއް

މެސެޖު ލިބުނުތާ 30 މިނަޓު ފަހުން ފުވައްމުލައް ހޮސްޕިޓަލުން ގުޅާ އޭނާ ކޮވިޑް19 އަށް ފައްސިވެފައިވާ ކަން އެންގި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން އޭނާ އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅުމުން އެ ފަރާތުން އޭނާ އަށް ހާލު ބެލުން ޕޯޓަލުގައި ބަޔާންކޮށްފައިވާ ޓެސްޓުގެ ނަތީޖާ ބެލުމަށް އެދުނު ކަމަށްވެސް އޭނާ ބުންޏެވެ. އަދި ލިބުނު މެސެޖާއި ހާލު ބެލުން ޕޯޓަލުގައި ނައްސި ކަމަށް ބަޔާންކޮށްފައިވާނަމަ އޭގެ މާނައަކީ ޓެސްޓުގެ ނަތީޖާ ނައްސި ކަމަށް ވެސް އެޗްޕީއޭ އިން އެންގި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިއަދު ފުވައްމުލަކުން ފައްސިވެފައިވާ ކަމަށް ބުނާ މީހާގެ ހާލު ބެލުން ޕޯޓަލްގެ ސްކްރީން ޝޮޓްއެއް

އެ އަންހެން މީހާ ހާމަކުރި ގޮތުގައި އެޗްޕީއެ އިން ލިބުނު މެސެޖުގައި އޭނާގެ ނަތީޖާ ނައްސި ކަމަށް ބުނެފައިވުމުން އޭނާ މިއަދު އުޅުނު ކޮޓަރިން ނިކުމެ ގޭތެރޭގައި ގޭގައި އުޅޭ މީހުންނާއި އެއްކޮށް ވަނީ އުޅެފައެވެ. އަދި ގޭގައި އެކި ބަލިތަކަށް ބޭސް ކުރަމުން އަންނަ މީހުން ދިރިއުޅޭތީ މިހާރު އެކަމާއި ކަންބޮޑުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެފަރާތުން އަލުން 2 ވަނަ ސާމްޕަލެއް ނަގައި ޓެސްޓު ކޮށްދިނުމަށް ފުވައްމުލައް ހޮސްޕިޓަލަށް އެދިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މިކަމާއި ގުޅޭގޮތުން އަދި ހޮސްޕިޓަލުން އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފުރަތަމަ ފަހަރަށް ފުވައްމުލަކުން ކޮވިޑް19 އަށް މީހަކު ފައްސިވެފައިވަނީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގައެވެ. މީގެ ކުރިން ބައްޔަށް އަންހެނަކު ފައްސިވެފައި ވާއިރު އެމީހާ ފައްސިވެފައިވާ ކަންވެސް އެނގުނީ ކަރަންޓީނު މުއްދަތު ނިންމުމަށް ފަހު ޓެސްޓު ކުރުމުންނެވެ.