ޖުވެނައިލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދަން އިޢުލާންކޮށްފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ޖިންސުގެ ފަނޑިޔާރުން ޖުވެނައިލް ކޯޓަށް ޢައްޔަނުކުރުމަށްޓަކައި ޖުވެނައިލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުމާއި، ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުމާއި، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުމާއި، ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
މީގެ އިތުރުން އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ، އުމުރުން 25 އަހަރު ފުރިފައިވާ އަންހެނަކު ކަމުގައި ވާންވާނެއެވެ.
ޖުވެނައިލް ކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 46،650ރ. ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 30،000ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 15،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،650ރ. އެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯން އެލަވަންސްވެސް ލިބޭނެއެވެ.
ޖޭއެސްސީން ބުނީ 26 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށެވެ.