English Edition
Dhivehi Edition
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް، 14 އޭޕްރީލް 2020 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބައްދަލުވުމެއްގައި - ފޮޓޯ: ހެލްތު މިނިސްޓްރީ

ލޯޯކަލް ޓޫރިޒަމްގެ ޚިދުމަތް ދޭން ފަށާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނެފައި ވަނީ އޮކްޓޫބަރު 15 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ލޯކަލް ޓޫރިޒަމްގެ ޚިދުމަތް ދޭ ރަށްރަށުގައި ގެއިން ބޭރުގައްޔާއި އާންމު ތަންތަނުގައި އުޅޭއިރު އަނގައާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށް މާސްކު އަޅަން ޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަން އުޅެ މީހުން ކަސްރަތުކުރާ ވަގުތުގައި އާއި، އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުންގެ އިތުރުން ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތުގައި މާސްކު އެޅުމުން އިސްތިސްނާވެގެންވާ ކަމަށްވެސް އެ އެންގުމުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ޖުލައި 15 ދުވަހު އަލުން ހުޅުވާލި ނަމަވެސް، ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައެއް ނުވެއެވެ. ގިނަ ދުވަސްތަކަކަށްފަހު އޮކްޓޫބަރު 15 ދުވަހު ގެސްޓްހައުސްތައް ހުޅުވުމަށް މިހާރު ތައްޔާރުވެފައިވާއިރު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 10،993 އަށް އަރައިފައެވެ.