މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި މައްސަލަތަކާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވި ހީނަރުކަމަށް ފަހު، މިދިޔަ އޮގަސްޓު މަހު ޓޫރިޒަމް އަނެއްކާވެސް ރަނގަޅުވާން ފަށައިފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖޭގެ ޓޫރިޒަމަށް އެންމެ ބޮޑު ބުރުލެއް އެރީ މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކާ އެކު މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމަކަށް އައިއިރު، އެއީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ބޭނުންކުރާ މައިގަނޑު އެއް ރޫޓެވެ.
އެ މައްސަލަތަކާ އެކު މާރިޗު މަހު ރާއްޖެއަށް މީހުން އައި އަދަދު 19.8 ޕަސަންޓު ދަށަށް ދިޔައެވެ. އަދި އޭޕްރީލް މަހު 24 ޕަސަންޓުގެ ދަށްވުމެއް ފެނިފައިވާއިރު، ޖޫން މަހާއި ޖުލައި މަހު ވެސް ޓޫރިސްޓުން އައި އަދަދު ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް، މިދިޔަ އޮގަސްޓު މަހު ވަނީ ދެ ޕަސަންޓުގެ ކުރިއެރުމެއް ލިބި، ޓޫރިޒަމްގެ ހާލަތު ރަނގަޅުވާން ފަށާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 1.4 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން އައީ ޗައިނާއިން ކަމަށްވާއިރު، ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން އެއް މިލިއަން މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. އަދި ތިން ލައްކަ މީހުން ގެސްޓްހައުސްތަކަށް ގޮސްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ޕަސަންޓު ދަށްވި ނަމަވެސް، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.