English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދަށް ޖަމާކޮށްފައިހުރި ބާ ދަގަނޑު

ފުވައްމުލައް ސިޓީގެ ބަނދަރު ސަރަހައްދަށް ޖަމާކޮށްފައި ހުރި ބާ ދަގަނޑުގެ ބާވަތްތައް ބަހައްޓާފައި ހުރީ އެކަމާއި ގުޅޭ މާހިރުންގެ ލަފާގެ ދަށުން އެ އެއްޗެހި ބެހެއްޓުމަށް އެންމެ ރަނގަޅު ތަނުގައި ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ލިރާރު ވިދާޅުވެއްޖެއެވެ.

ލިރާރު ވިދާޅުވިގޮތުގައި ބަނދަރު ސަރަހައްދުގައި ބެހެއްޓިފައިހުރި ބާ ދަގަނޑުގެ ބާވަތްތަކަކީ އިންޑިއާ އަށް ވިއްކުމަށް ފޮނުވުމަށްޓަކައި ބެހެއްޓިފައި ހުރި އެއްޗެހި ތަކެއް ކަމުގައެވެ. އެގޮތުން އެ ތަކެތި ފޮނުވާ ނުލެވި ލަސްވަނީ ކޮވިޑް19ގެ ސަބަބުން ބޯޑަރުތައް ބަންދު ކުރެވިފައި ވުމުގެ ސަބަބުން ކަމަށްވެސް ލިރާރު ވަނީ ފާހަގަކުރައްވާފައެވެ.

“އިންޑިއާ އަށް ބާ ދަގަނޑު ފަދަ ތަކެތި ވިއްކަން ފޮނުވުމަށް މި ލޮކްޑައުންގެ ކުރިން މި ރަށަށް ބަޔަކު އައިސް އެ ފަދަ ތަކެތި ގަނެފައި ވަނީ. މީގެ އިތުރުން ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބައެއް އެއްޗެހި ވެސް ވަނީ އެމީހުންނަށް ދެވިފައި. ކައުންސިލުން ވާނީ އެ މީހުން އެ އެއްޗެހި ބަނދަރު ސަރަހައްދުގައި ބެހެއްޓުމަށް ހުއްދަ ދީފައި.” ލިރާރު ވިދާޅުވިއެވެ.

ލިރާރު އިތުރަށް ވިދާޅުވިގޮތުގައި ލޮކްޑައުންގެ ސަބަބުން އެ ތަކެތި ރަށުން ބޭރުކުރުމުގެ މަސައްކަތް މަޑު ޖެހިފައި ވީ ނަމަވެސް އިންޑިއާގެ ކޮޗިން އާއި ރާއްޖެ އާއި ދެމެދުގެ ފެރީ ހިދުމަތް ފެއްޓުމާއި ގުޅިގެން އެ ތަކެތި އެތަނުން ނެގުމަށް ވެރިފަރާތަށް އަންގައި މުއްދަތެއް ދެވިފައިވާ ކަމަށެވެ. އަދި ކައުންސިލުގެ ފަރާތުން ގަބޫލު ކުރަނީ އެ މުއްދަތުގެ ތެރޭގައި އެތަކެތި އެތަނުން ނެގިގެންދިއުން ކަމަށްވެސް ލިރާރުވަނީ ވިދާޅުވެފައެވެ.

“ކޮންމެ ކަމަކީވެސް އޭގެ ޒާތުގައި އެ ބަޔަކަށް ފައިދާ ލިބިގެންދާނެ ގޮތަކަށް ކަންތައް ކުރެވިގެންދާނެ ކަމެއް. ބާ ދަގަނޑުތައް ވިއްކައިގެން ކައުންސިލަށް ކޮންމެވެސް ފައިދާ ތަކެއް އެކަމުން ވާ ކަހަަލަ ގޮތަކަށް އެއްބަސް ވެވިފައި އޮންނާނީ” ބާ ދަގަނޑު ވިއްކައިގެން ކައުންސިލަށް ލިބޭ ފައިދާއާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ލިރާރު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ ގިނަ ރައްޔިތުންތަކެއް ފާހަގަކުރާ ގޮތުގައި ރަށުގެ ބަނދަރުމައްޗަކީ ރަށުގެ މަލަމަތި ކަމަށްވެފައި އެތަނުގައި އެ ތަކެތި ބެހެއްޓިފައި ހުރުމަކީ ގަބޫލުކުރެވޭނެ ފަދަ ކަމެއް ނޫނެވެ. އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި ރަށުގައި މިފަދަ ވިޔަފާރިތައް ހިންގޭނަމަ ރަށުގެ މަލަމަތި ހަޑި ނުވާނެ ފަދަ ގޮތަކަށް އެތަކެތި ބެހެއްޓުމަށް ތަނެއް ނުވަތަ ސަރަހައްދެއް ގާއިމުކުރުން މުހިންމެވެ.