English Edition
Dhivehi Edition

ވައްކަމުގެ މައްސަލައެއްގައި މީހަކު އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ވައްކަމުގެ މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން 2020 އޮކްޓޯބަރ 4 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ވައިކަރަދޫ، ޕެރިމްރޯޒް، ޙުސައިން ޝާހް (36އ) ގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރާ ގޮތުގައި ދައުލަތުން ޙުސައިން ޝާޙްގެ މައްޗަށް ވައްކަން ކުރި ކުށުގެ ދައުވާ އުފުލާފައިވަނީ، 2020 މާރިޗު 17 ވަނަ ދުވަހުގެ 13:30 އެހައިކަންހާއިރު ހދ. ވައިކަރަދޫ ، ތޮނަގޭގައި ހުންނަ ވަޑާންގެއިން މަކިޓާ ބުރޭންޑްގެ ސަރކިއުލާރ ކީހަކާއި، މަކިޓާ ބްރޭންޑްގެ ޓްރިމަރެއްގެ އިތުރުން މަކިޓާ ބްރޭންޑްގެ ބުރުމާއެއް ވަގަަށް ނަގާފައިވާ މައްސަލައާއި ގުޅިގެންނެވެ.

އެ ދަޢުވާ ޝަރީޢަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ބުނެފައިވަނީ، މިމައްސަލައިގައި ދަޢުވާލިބޭ ޙުސައިން ޝާހް ، މި ދަޢުވާގެ އިބްތިދާޢީ މަޖިލީހުގަޔާއި އަވަސް ނިޔާގެ ޝަރީއަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވާކަން އެނގެން އޮތުމުން، ދިވެހިރާއެްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން ވައްކަންކުރުމުގެ ކުށް ސާބިތުވާކަމަށެވެ.

އެހެންކަމުން ޙުސައިން ޝާހްގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ވައްކަން ކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ދިވެހިރާއެްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާއި އެ ޤާނޫނުގެ 1104 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، އެޤާނޫނުގެ 1106 ވަނަ މާއްދާގެ ( ށ) އާ ޙަވާލާދީ، އެޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ)ގެ ދަށުން ހދ. ވައިކަރަދޫ، ޕެރިމްރޯޒް ޙުސައިން ޝާހް، އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށް ޤަޟިއްޔާގައި ވާ ކަމަށްވެސް ފުލުހުން ބުންޏެވެ.