English Edition
Dhivehi Edition
ސީއެމްސީއޭއިން އައްޑޫގައި ހިންގި ޗައިނާ ބަސް ދަސްކޮށްދޭ ކުލާސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ޒަޔާން އޭއޯ ނިއުސް

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގުޅިގެން ތިނަދޫގައި ޗައިނާ ބަސް ކިޔަވައިދިނުމުގެ ބޭސިކް ކޯހެއް ފަށާގޮތަށް ހަމަޖައްސައިފިއެވެ.

މި ކުލާހުން އެންމެ މަތިން މާކުސް ހޯދާ ދަރިވަރަކަށް ޗައިނާ ގައި ބަސް ކިޔެވުމަށް ފުރުސަތު ހޯދައިދޭ ގޮތަށް ސީއެމްސީއޭއިން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކުލާހުގައި ބައިވެރިވާ ފަރާތްތަކަށް ސީއެމްސީއޭގެ މެމްބަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ފުރުސަތު ދެވޭނެއެވެ.

ސީއެމްސީއިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންނަށް މިދުވަސްވަރު ޗުއްޓީގައި ތިބޭއިރު ޗައިނާ ބަސް ދަސްކުރުމަށް ފުރުސަތު ހޯދައި ދިނުމާއި އަދި ރާއްޖެއިން ތަފާތު އެކި ބޭނުންތަކަށް ޗައިނާއަށް ދާ ފަރާތްތަކަށް އެތަނުގައި އަމިއްލަ އަށް އުޅެވޭ ވަރަށް ބަސް ދަސްކޮށްދިނުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ ކުލާސްތަކެކެވެ. މީގެ އިތުރުން ޗައިނާގެ ޔުނިވަރސިޓީއެއްގައި ކިޔަވާނެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ހޯދައި ދެވޭނެއެވެ. އެގޮތުން ސީއެމްސީއޭއިން އައްޑޫގައި އަދި ފުވައްމުލަކުގައި ހިންގި ކުލާސް ކާމިޔާބު ކަމާއެކު ނިންމައި ކުލާހުން 1 ވަނަ އަށް ދިޔަ ދަރިވަރުންނަށް ވަނީ ސްކޮލަރޝިޕް އެވޯޑް ދީފައެވެ.

މި ކުލާހުގައި ކިޔަވައިދެނީ ސީއެމްސީއޭގެ ސްކޮލަރޝިޕްގައި ޗައިނާގައި ބަސް ކިޔެވުމުގައި 3 އަހަރު ހޭދަކޮށްފައިވާ ކުއްޖެކެވެ.

އޮކްޓޯބަރ 16 އިން 23 އޮކްޓޯބަރ ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7782034 (ސީއެމްސީއޭގެ ސައުތު ރީޖަން ޕްރޮގްރާމު ކޯޑިނޭޓަރ ) ނުވަތަ 9757345 (ސްކީމްގެ ގދ. ޗެޕްޓަރ ޗެއަރޕާރސަން) އަށް ގުޅައިގެން ނަން ނޯޓުކުރުން ކުރިއަށް ގެންދެވޭނެއެވެ. މި ކޯހުގެ ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހޭއިރު 15 އޮކްޓޯބަރ ގެ ކުރިން ރަޖިސްޓްރީ ވާ ދަރިވަރުންނަށް 250 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ. މި ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ކޯހުގައި ކޯހުގައި ބައިވެރިވި ކަމުގެ ސެޓްފިކެޓް ލިބޭނެއެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.

ތިރީގައި މިވަނީ ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުން ފުވައްމުލަކުގެ ރީތިކަން ޗައިނާ ބަހުން ކިޔައިދީފައިވާ ވީޑިއޯ އެކެވެ.