ގައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަސްމީ ޖަލްސާ މި އަހަރު ނުބާއްވާ ގޮތަށް ނިންމާ، އެ ޖަލްސާގައި ދެމުން އަންނަ ގައުމީ އިނާމު ދިނުން ފަސްކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ކޮވިޑް-19ގެ ހާލަތާ ގުޅިގެން މި އަހަރުގެ ޖަލްސާ ނުބާއްވަވާ ގޮތަށް ސަރުކާރުން ނިންމާފައިވާކަމަށާއި މި ހާލަތުން އާންމު ހާލަތަށް، ބަދަލުވުމުން ގައުމީ އިނާމު ދެއްވުމަށް ހާއްސަ ޖަލްސާއެއް ބާއްވަވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މި ޖަލްސާ ބާއްވާނެ ތާރީހު ރައީސް އޮފީހުން އާއްމު ކުރައްވާނެ ކަމަށް އެ އޮފީހުން ބުނެފައިވާއިރު ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ ޙިޖުރީ އަހަރެއްގެ ރަބިއަލްޢައްވަލު މަހުގެ އެއް ވަނަ ދުވަހެވެ.
2019 ވަނަ އަހަރުން ފެށިގެން ގައުމީ ދުވަހު ދެމުން އަންނަ ގައުމީ އިނާމަކީ ދިވެހި ގައުމާއިމުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމައަށް ކުރާ ފައިދާ ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.