English Edition
Dhivehi Edition

ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ ކަނޑޫފާގެ ބާވަތެއް ކަމަށްވާ ބުރުގެރިއާ ހެނެސީ (Brugueira hainesii) ހއ. ކެލާ އިން އަލަށް ފެނިއްޖެއެވެ.

ހިމާޔަތްކޮށްފައިވާ ސަހަރައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫ.އެސް.އޭ.އައި.ޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ “ރީޖެނެރޭޓް” ޕްރޮޖެކްޓްގެ ތެރެއިން އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ، އައި.ޔޫ.ސީ.އެން މޯލްޑިވްސް އާއި ގުޅިގެން ކުރިޔަށް ގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި މި ބާވަތުގެ ގަސް ފެނިފައިވަނީ ހއ. ކެލާގެ ކުޅީ ސަރަހައްދުން މިއަހަރުގެ މާރޗު މަހުގައެވެ. މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އައިޔޫސީއެން ބައިވެރިވެގެންނެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އިން ހާމަކުރި ގޮތުގައި ކެލާގައި ކުރެވުނު ސާވޭއިން މިބާވަތުގެ 4 ގަހެއް ހުރިކަންވަނީ ފާހަގަ ކުރެވިފައެވެ. މިގަސް އައިޑެންޑިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯރޑިނޭޓަރ ޑރ. ޔޮންގ ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މިސާރވޭއާއި ގުޅޭ ރިޕޯޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އީޕީއޭ އަދި އައިޔޫސީއެން ގުޅިގެން ތައްޔާރުކޮށްފައިވާއިރު ދިވެހިރާއްޖޭގެ ކަނޑޫފާތަކުން ވަނީ މީގެ ކުރިން 14 ބާވަތެއްގެ ކަނޑޫފާ ގަސް ރެކޯޑް ކުރެވިފައެވެ. މި ފެނުނު އާ ބާވަތާއެކު މުޅިއެކު 15 ބާވަތުގެ ކަނޑޫފާ ގަސް މިހާރު ދިވެހިރާއްޖެ އިން ފެނިފައިވާއިރު މިބާވަތުގެ ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް މިނިސްޓްރީ އާއި ކަމާއި ގުޅޭ ފަރާތްތަކާއެކު މިހާރު އަންނަނީ މަޝްވާރާކުރަމުންނެވެ.

ކަނޑޫ އާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއެވެ. ނަމަވެސް މިމޭވާ ބޮޑަވަކިއަށްވުރެ ކުރުވެފައި ފަލައެވެ. ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން ރެޑް ލިސްޓްގައި ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓެގަރީ ލިސްޓްގައި ހިމެނޭ ބާވަތެކެވެ. މި ބާވަތުގެ ކަނޑޫފަލަކީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާރުން ފެނިފައިވާ ބާވަތެކެވެ. 2010އަކާ ހިސާބަށް ކުރެވުނު ސަރވޭއިން ދައްކާ ގޮތުގައި ދުނިޔޭގައި ހުރީ މިބާވަތުގެ ބޮޑުވެފައިވާ 200 ގަހެވެ. އަދި އޭގެ އާބާދީ ދަނީ މަދުވަމުންނެވެ.

މިބާވަތް މިހާތަނަށް ކެލާއިން ރެކޯޑް ކުރެވިފައިވީނަމަވެސް ރާއްޖޭގެ އެހެން ކުޅިފާތަކުންވެސް ފެނުންވެސް އެކަށީގެންވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެކެވެ.