މިއަދު ސ. ފޭދޫ އިން ފުވައްމުލައް ސިޓީ އަށް ދަތުރުކުރި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް ފެރީއިން ގެނައި ފޮށިގަނޑަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސް ޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ފުވައްމުލަކަށް އެ ފެރީއިން މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިއަދުގެ ހެނދުނު 11:00 ހާއިރުއެވެ.
މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާއިރު މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ދާދި ފަހުން ފުލުހުން ވަނީ އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި އޮކްޓޯބަރު އެއް ވަނަ ދުވަހުން ފެށިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.