English Edition
Dhivehi Edition

އަޟްޙާ ޢީދު ދަސްކޮށްދޭ އަގުހުރި ފިލާވަޅުން ޢިބްރަތް ހާސިލުކޮށް، ޤައުމީ މަޞްލަޙަތު އިސްކުރުމަސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ، ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ބަރަކާތްތެރި އަޟްޙާ ޢީދުން އަޅުގަނޑުމެންނަށް ދަސްވާ ފިލާވަޅަކީ، ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ އަނެކުންގެ މަޞްލަޙަތު އިސްކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ފިލާވަޅުން އަޅުގަނޑުމެންނަށް ހާމަވެގެންދަނީ އެހެން ފަރުދުންގެ މަޞްލަޙަތާއި، ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް، މާތްވެގެންވާ އިސްލާމް ދީނުގައި ދެއްވާފައިވާ އަހަންމިއްޔަތުގެ ބޮޑުކަމެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބައެއް ކަންކަން އޮތް ޙާލަތަށް އިޝާރާތްކުރައްވަމުން، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލިވެގެން ދިޔުމަކީ، އެކަމުގެ ސަބަބުން ޤައުމުގެ ރައްޔިތުންގެ އެއްބައިވަންތަކަން ރޫޅި، ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވެ، މުޅި ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި އަދި ޤައުމީ މަޞްލަޙަތަށް ލޮޅުން އަރާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރެއްގައި ގެނެސްދިނުންކަމަށްވާއިރު، އެ ތަރައްޤީ ގެނެސްދެވޭނީވެސް ޤައުމުގައި ހަމަޖެހުމާއި އެއްބައިވަންތަކަމާއި އެކުވެރިކަން އޮވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އެންމެން އިޙްތިރާމު ކޮށްގެން، އެއަށް ބޯލަނބައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ، އަޅުގަނޑުމެން އެންމެންގެ ޤައުމުކަން އަބަދުވެސް ހަނދާނުގައި ބަހައްޓަވައިގެން، ޤައުމުގެ ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެއެވެ.