English Edition
Dhivehi Edition

ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާއި ހަވާލުކޮށްގެން ފުވައްމުލައް ސިޓީގައި ތަރައްގީ ކުރަމުން އަންނަ ރިންގްރޯޑު (ޖަމާލުއްދީން ނައިބު ތުއްތު މަގު) ގެ މަސައްކަތުގެ 83 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.

އެމްޓީސީސީއިން ހާމަ ކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން އެ މަގުގައި ތަރައްގީ ކުރަމުން އަންނަ ޕޭވްމެންޓްގައި ކޮންޓްރެކްޓް ގައު އެތުރުމުގެ މަސައްކަތުގެ 41 އިންސައްތަ ވެސް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއު ނިމޭނެކަމަށް އެ ކުންފުނިން ލަފާކޮށްފައިވަނީ މި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ތެރެއިން އެ މަގުގައި ފެންހިންދާ ނިޒާމަކާއެކު 20،650 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 144 ލެޑް މަގުބައްތި ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަށް 32.04 މިލިއަން ރުފިޔާ ހަރަދުވާއިރު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 29 މާރޗް 2020ގައެވެ.