ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން ތިން ވަނަ ބުރުގައި ހުޅުވާލި 47 ފްލެޓަށް ކުރިމަތިލައިފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ނަންތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހަށް ހަމަވިއިރު 814 ފަރާތަކުން ވަނީ ފޯމު ހުށައަޅާފައެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހާއްސަ ކުރެވިގެން އޭ ކެޓަގަރީން ހުޅުވާލި 40 ފްލެޓަށް 670 ފޯމު ހުށައަޅާފައިވާ އިރު ފުވައްމުލައް ސިޓީއަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ބީ ކެޓަގަރީން ހުޅުވާލި 7 ފްލެޓަށް 144 ފަރާތަކުން ފޯމު ހުށައަޅައިފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހް ވިދާޅުވި ގޮތުގައި މިވަގުތު ކުރިއަށްދަނީ ފްލެޓަށް އެދި ހުށައަޅައިފައިވާ މީހުންގެ ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތްތޯ ބެލުމުގެ މަސައްކަތެވެ. އެގޮތުން މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަށް ފްލެޓަށް އެދި ކުރިމަތިލައިފައިވާ ފަރާތްތަކުގެ މައުލޫމާތު ފޮނުވިފައިވާ ކަމަށާއި އަދި ވަކި ވަކިން ކައުންސިލް ތަކަށް ގުޅައިގެން އެ މަސައްކަތް އަވަސްކޮށްދޭން އެދިފައިވާނެ ކަމަށްވެސް މަސީހް ވަނީ ވިދާޅުވެފައެވެ.
ފްލެޓް ދިނުމުގައި އިންސާފުވެރިކަމާއި އެކު ފްލެޓް ލިބެންޖެހޭ މީހުންނަށް ފްލެޓް ލިބިގެންދާނެ ކަން ފާހަގަކުރައްވަމުން މަސީހް ވިދާޅުވީ ވޭތުވެދިޔަ ތަނުގައިވެސް ފްލެޓް ދިނުމުގައި އިންސާފުވެރި ކަމާއި އެކު އެ މަސައްކަތް ކުރެވިފައިވާނެ ކަމަށެވެ. އެގޮތުން ފްލެޓް ލިބޭ ފަރާތްތަކުގެ ނަންތައް އިއުލާން ކުރުމުން ޝަކުވާ ހުށައަޅަން ހުޅުވާލާނެކަމަށާއި ނެރެވޭ ލިސްޓުގައި ޕޮއިންޓު ދެވިފައިވާ ގޮތް ވެސް ފެންނާނެ ހެން އާންމު ކުރެވިގެންދާނެ ކަމަށްވެސް މަސީހް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ފުވައްމުލައް ސިޓީގެ 2 ސަރަހައްދެއް ކަމުގައިވާ ދިގުވާނޑު އަވަށް އަދި ދަޑިމަގު އަވަށުގައި ފްލެޓް އަޅައިފައިވާއިރު މީގެ ކުރިން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި 2 ފުރުސަތުގެ ދަށުން ފްލެޓް ލިބުނު ގިނަ ފަރާތްތަކެއް މިހާރު އަންނަނީ ފްލެޓު ތަކުގައި ދިރިއުޅެމުންނެވެ.