ފުވައްމުލައް ސިޓީގެ ގެސްޓް ހައުސްތައް މި މަހުގެ 15 ވަނަ ދުވަހު ފަތުރުވެރިންނަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހު ވިދާޅުވެއްޖެއެވެ.
މަސީހު ވިދާާޅުވި ގޮތުގައި ގެސްޓު ހައުސްތައް ހުޅުވާލުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޓުއަރިޒަމްގެ އިސްފަރާތްތަކާއި ބައްދަލުކުރެވި މައުލޫމާތު ސާފުކުރެވިފައިވާ ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި ފުވައްމުލަކުގެ ގެސްޓް ހައުސްތައް ހުޅުވާލުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް މަސީހު ވަނީ ވިދާޅުވެފައެވެ.
“މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އިންޓަނޭޝަނަލް ފްލައިޓްތަކާއި ރަށަށް ދަތުރު ކުރާ ޑޮމެސްޓިކް ފްލައިޓްތަކާއި މެދު މި ދިމާވާ ކަނެކްޝަންގެ މައްސަލައާއި ބެހޭގޮތުން، ރަށަށް އެންމެ ގިނައިން މި އަންނަނީ ޗައިނާ ފަތުރުވެރިން، ޗައިނާ ބޯޑަރު އަދި ނުހުޅުވާ. ދެން މިއަންނަނީ އެންމެ ގިނައިން ރަޝިއާ ފަތުރުވެރިން، ރަޝިއާ ފްލައިޓް ތަކާއި ޑޮމެސްޓިކް ފްލައިޓްތަކާއި ދެމެދު އެބަ އުޅޭ ކަނެކްޝަންގެ މައްސަލަތަކެއް. މި ދަތުރުފަތުރުގެ މައްސަލަ ހައްލުކުރުމަށް ޓުއަރިޒަމް މިނިސްޓަރ އަށް ވާނީ ހުށައަޅާފައި” މަސީހް ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ދެމެދުގައި މިހާރު ކަނޑުމަގުން ކުރެވޭ ދަތުރުފަތުރުގެ ކަންތައް ރަނގަޅު ކުރުމަށް މި ބައްދަލުގައި މަޝްވަރާ ކުރެވުނު ކަމަށްވެސް މަސީހް ވަނީ ވިދާޅުވެފައެވެ.
މަސީހް އިތުރަށް ވިދާޅުވީ ފުވައްމުލަކުގައި ގެސްޓް ހައުސް އަދި ޑައިވިންގް ސްކޫލްތައް ހިންގާ ހުރިހާ ފަރާތްތަކާއި ބައްދަލުކުރެވި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގެސްޓް ހައުސް ހިންގުމުގެ އުސޫލުތަކުގެ ހުރިހާ މައުލޫމާތެއް ހިއްސާ ކުރެވިފައިވާނެ ކަމަށެވެ. އެގޮތުން ގެސްޓް ހައުސްތައް ހުޅުވާލާއިރު ގެސްޓް ހައުސްތަކުގެ ވެރިން އަދި ކައުންސިލުން ފުރިހަމަ ކުރަންޖެހޭ ކަންތަކާއި ގައިޑްލައިންއަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް މަސައްކަތް ކުރުމުގެ މުހިއްމުކަމާއި ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށްވެސް މަސީހް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މަސީހު ހާމަކުރެއްވި ގޮތުގައި ގެސްޓް ހައުސްތައް ހުޅުވާލުމަށް ރަށު ފެންވަރުގައި އަމަލު ކުރަންޖެހޭ ކަންތައްތަކާއި ހޮސްޕިޓަލުން ނިންމަންޖެހޭ ކަންތައްތަކާއި ބެހޭގޮތުން މިހާރު ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖްމެންޓާއި އެކު ބައްދަލުކުރެވި މަޝްވަރާކުރެވިފައިވާ ކަމަށެވެ. މަޝްވަރާތަކަށްފަހު މިހާރު ފުރިހަމަކުރެވިފައިވާ ކަންތައްތަކާއި ބެހޭ މައުލޫމާތު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށްވެސް މަސީހް ވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭ އިން ގެސްޓް ހައުސްތައް ހުޅުވާލުމާއި ގުޅޭގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން ކައުންސިލުން ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ރަށުގައި އައިސޮލޭޝަން ނުވަތަ ކަރަންޓީން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރިތޯ ބެލުމާއި ރަށުގައި ކޮވިޑް ޓާސްކް ފޯހެއް އޮތްކަން ޔަގީން ކުރަން ޖެހެއެވެ. މީގެ އިތުރުން ފަތުރުވެރިއަކު ކޮވިޑް- 19އަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި އޭނާ ފެސިލިޓީ އަށް ގެންދާނެ އުޅަނދެއް ތައްޔާރުވެފައި އޮތްތޯ ބެލުމާއި އެ ރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލް އޮތީ ކޮވިޑް-19އާ ގުޅިގެން ތައްޔާރަށްތޯ ޔަގީން ކުރަންޖެހެއެވް. ހޮސްޕިޓަލުގައި އައިސޮލޭޝަން ކޮޓަރިއެއް ހުރިތޯ ޔަގީން ކުރުމާއި ސާމްޕަލް ނެގޭ ވަރަށް ހިއުމަން ރިސޯސަސް ހުރިތޯ ބެލުމަކީ ވެސް ކައުންސިލުގެ ޒިންމާއެކެވެ.
އެޗްޕީއޭ އިން ގެސްޓް ހައުސްތައް ހުޅުވާލުމާއި ގުޅޭގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން ގެސްޓު ހައުސްތަކުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުރި މިންވަރު ހާމަކުރުމާއި ގެސްޓު ހައުސް ތެރޭގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެކަން ޔަގީން ކުރުން އަދި ބޭނުންވާ ވަރަށް ޕީޕީއީ ކިޓާއި ފަސްޓް އެއިޑް ހުރިކަން ޔަގީން ކުރަންޖެހެއެވެ. މީގެ އިތުރުން ގެސްޓު ހައުސްގައި އުޅޭއިރު ސްޓާފުން ވަކި ޔުނިފޯމެއް ލުމާއި މާސްކު އެޅުމުގެ އިތުރުން ހުރިހާ މުވައްޒަފުން ވެސް “ޓްރޭސް އެކީ” އެޕް ބޭނުން ކުރުމާއި ޓޫރިސްޓުންނަށް އެޕް ބޭނުން ކުރަން ބާރު އެޅުން ހިމެނެއެވެ.
އެޗްޕީއޭގެ އުސޫލު ބުނާ ގޮތުން ގެސްޓްހައުސްތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާއިރު އެރަށެއްގެ އާންމުންނާއި ޓޫރިސްޓުން ވެސް އާންމު ތަންތަނުގައި މާސްކު އަޅަންޖެހޭނެއެވެ.