English Edition
Dhivehi Edition

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ހައްޔަރުކޮށް، އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަން ފަށައިފިއެވެ

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަހްސަން އުލް ހަސަން (30އ) އާއި، މުހައްމަދު އަލީ ބާއިގް (41އ) އާއި، މުހައްމަދު ސާދު ވަރްސީ (22އ) އަދި އަބްދުﷲ އަލީ ހަސަން (34އ) އެވެ. އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މި ހަތަރު މީހުންނަކީވެސް ޕާކިސްތާން ފިރިހެނުންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، މިދިޔަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ފްލައިޓަކުން އައި ޕާކިސްތާން ހަތަރު މީހެއްގެ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ފުލުހުންނަށް މައުލޫމާތު ދިނުމާގުޅިގެންކަމަށެވެ.. އެގޮތުން އެ މީހުން ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަކުރެވުމުން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެމީހުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެމީހުންގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް އެނގިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެ މީހުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 81 ބުލެޓް ފެނިފައިވާއިރު އެތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުންވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.