ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ކުޅުދުއްފުށި ސިޓީން ފުރައިގެން ޑިންގީއެއްގައި ދަތުރުކުރަމުންދާ ބަޔަކު ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ދުނބުމާ، އަޙްމަދު ޟަމީރު (37އ) އާއި ހދ. ކުޅުދުއްފުށި / ހުވަފެނީއައްސޭރި، އަޙްމަދު އިސްމާޢީލް (31އ) ކަމަށެވެ،
މާރިޗު 5 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މިލަންދޫން ބަނދަރުމަތިން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 146 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ޟަމީރުއާއި އަޙްމަދު އިސްމާޢީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ މިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.