English Edition
Dhivehi Edition
ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ފޭދޫގައި ބޭއްވި ހަރަކާތުގެ ތެރެއިން

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުން އައްޑޫސިޓީގެ ފޭދޫއަވަށުގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޟަކޮށްގެން ޕާކެއް ހަދަން ހަމަޖެއްސި ތަނުގައި ޕާކެއް ހެދުމަށް ދެވެން ނެތް ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ރައީސާ ގެ ނަމުގައި ލިބިފައިވާ މި ފަންޑުގެ ދަށުން ސްކީމާއި ގުޅިގެން ފޭދޫގައި ޕާކު ހެދުމަށް ނިންމައި ޕްރޮޕޯސަލް ގައި ބިން ހިމަނާފައިވަނީ އައްޑޫސިޓީގެ މޭޔަރުގެ މަޝްވަރާގެ މަތިން މޭޔަރު ލަފާދެއްވެވި ސަރަހައްދު ކަމަށް ސްކީމުން ބުނެއެވެ. އެއީ ގަމުން އައިސް ފޭދޫ އަށް އަރާއިރު މޫނު ޖެހޭ ދަނޑުގެ ވައަތްފަޅިން ފިތުރޯނުގަސް ބަރި ހުރި ސަރަހައްދުން 3500 އަކަފޫޓުގެ ބިމެކެވެ.

ސްކީމުން ބުނެފައިވަނީ ޕްރޮޕޯސަލް ތައްޔާރު ކުރުމުގައި އެންމެ ފުރަތަމަ ބޭނުންވީ ފޭދޫ ފަތާޓްރެކް އޮންނަ ސަރަހައްދު ނަމަވެސް އޭރު މޭޔަރު ވިދާޅުވެފައިވަނީ އެއީ ވަކި ކަމަކަށް ލޭންޑް ޔޫޒް ޕްލޭނުގައި ހިމެނިފައިވާ ތަނެއް ކަމަށާއި އަދި އެފަދަ ކަމެއް ކުރުމަށް އެންމެ ރަނގަޅީ ގަމުން އައިސް ފޭދޫއަށް އަރާއިރު މޫނު ޖެހޭ ތަން ކަމަށެވެ. އަދި އެތަނުގައި ޕާކެއް ހަދަން ފަންޑު ނުލިބުނު ކަމުގައި ވިޔަސް އެންމެން ވެގެން އެތަނުގައި ޕާކެއް ހެދުމަށް މަސައްކަތް ކުރުމަށް ވެސް މޭޔަރ ވަނީ ވިދާޅުވެފައި ކަމަށެވެ.

ނަމަވެސް މާޗް މަހު އެ ޕްރޮޕޯސަލް ކާމިޔާބުވެ ބިން ރަސްމީކޮށް ދިނުމަށް އެދުމުން ތަފާތު އުޒުރު ދައްކައި ކައުންސިލުން ވަނީ ބިން ދިނުން ފަސްކޮށްފައެވެ. މީގެ އިތުރުން ކައުންސިލުން ބުނެފައިވަނީ ފޭދޫ ރައްޔިތުންގެ ބިމެއް ދެވޭނީ ފޭދޫ ރައްޔިތުންގެ ހުއްދަ ލިބިގެން ކަމަށާއި ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދުމަށެވެ. ކައުންސިލްގެ މި އެންގުމާއެކު ސްކީމުން ވަނީ ފޭދޫ ގެ ރައްޔިތުންނާ ބައްދަލުކޮށް އަދި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ޚިޔާލު ހޯދާފައެވެ. މި ބައްދަލުވުމުގައި ފޭދޫގެ 50 އަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު އެންމެން ވަނީ ފޭދޫގައި އެ ޕާކު ހެދުން އަވަސް ކޮށްދިނުން އެދިފައެވެ.

“އޭގެ ފަހުން ވެސް ތަފާތު ގިނަ ފަހަރު ތަކެއްގެ މަތިން ބިމުގެ މައްސަލަ އަވަސް ކޮށްދިނުން އެދި ހުށަހެޅުމުން ވެސް ބިމާ ގުޅޭ ގޮތުން ޖަވާބެއް ވަނީ ނުލިބިފަ. އަދި އެންމެ ފަހުން ކައުންސިލުން ވަނީ އެތަނުގައި އެފަދަ ޕާކެއް ހަދަން ބިން ދެވެން ނެތް ކަމަށާއި ސަބަބކީ އެތަނަކީ އަދި ލޭންޑް ޔޫޒް ޕްލޭން ހެދިފައިވާ ތަނަކަށް ނުވާތީ އެ ސަރަހައްދުން މިވަގުތު ވަކި ކަމަކަށް ބިން ހަމަޖައްސައި ދެވެން ނެތް ކަމަށް ބުނެފަ. އަދި އެފަދަ މަސައްކަތެއް ކުރާނަމަ ކުރުމަށް ރަށު ތެރެއިން ބިމެއް ހަމަޖައްސަވައި އެތަނުގެ ޗާޓު ވަނީ ސިޓީއަކާ އެކު ހުށަހަޅާފަ. ނަމަވެސް ބީއެމްއެލްގެ ޕްރޮޕޯސަލް ގައިވާ ކޮންސެޕްޓަކީ އައްޑޫގެ މަލަމަތި ރީތި ކުރުމާއި މޫނު މައްޗަށް ވާ ސަރަހައްދެއްގައި ޕާކު ހެދުން ކަމަށް ވުމުން އެ ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ވަނީ މަޑުޖެހިފަ” ސްކީމްގެ ޑިރެކްޓްރަ އޮފް އައުޓްރީޗް އަލީ ނާސިރު ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން އައްޑޫގައި ޕާކެއް ހެދުމަށް މާޗްމަހުން ފެށިގެން ބިމެއް ހޯދުމުގެ މަސައްކަތް ސްކީމުން ކުރަމުން އަންނަ އިރު ކައުންސިލުން ވަނީ ހިތަދޫގެ އަމިއްލަ ޖަމިއްޔާ އަކަށާއި އަދި ހިތަދޫގެ އަމިއްލަ ފަރާތަކަށް، ހިތްފަސޭހަ މައިޒާން ހެދުމަށް ބިން ހަވާލުކޮށްފައެވެ.

ޕާކު ހަދަން ނިންމި ސަރަހައްދުގައި ސްކީމުން ވަނީ ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ހަރަކާތެއް ވެސް ބާއްވާފައެވެ. މި ހަރަކާތުގައި ބައިވެރިވި ފޭދޫގެ އުމުރުން ދުވަސްވީ މީހުންވަނީ އެމީހުންނަށް އެތަނުގައި ޕާކެއް ހަދައިދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ބުނެފައެވެ.

1 ކޮމެންޓް
ހޯކު
އޮކްޓޯބަރު 4, 2020
ތޭ އާއްމު ކަމަށް. ވަކިކެޑަކައް ގޮސް ހުސް ވެފެއި