English Edition
Dhivehi Edition
މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް19 އާއި ގުޅޭގޮތުން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިވަގުތު ދިވެހިރާއްޖޭގެ ރަށްރަށުގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 114 އަށް އަރައިފިއެވެ. އެއީ 51 ދިވެހިންނާއި 63 ބިދޭސީންނެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ގްރޭޓަރ މާލެ ފިޔަވައި މިވަގުތު ކޮވިޑް19 އަށް ފަރުވާ ހޯދަމުން އަންނަ އެންމެ ގިނަ ބަޔަކު ތިބީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ޖުމުލަ 53 ބިދޭސީއަކު ބައްޔަށް ފައްސިވެފައިވާއިރު އެއީ އެ ސިޓީގައި ހުންނަ ޕޮލިސް އެކަޑަމީގެ މަސައްކަތަށް ދާދި ފަހުން އައި މީހުންނެވެ.

އެޗްޕީއޭ އިން ހާމަކުރިގޮތުގައި މިވަގުތު އައްޑޫ އަށް ފަހު ފައްސިވެފައި ތިބި މީހުން އެންމެ ގިނައީ ތަމްރީނުތަކަކަށް ދިޔަ ސިފައިންތަކެއް ފައްސިވެފައިވާ ލ. ކައްދޫގައެވެ. އެގޮތުން އެ ރަށަށް ދިޔަ 26 ސިފައިން ވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަމުން ދަނިކޮށް ފައްސިވެފައެވެ.

މިވަގުތު ހދ. ކުޅުދުއްފުށީގައި ބައްޔަށް ފައްސިވެފައިވާ 7 މީހަކު ތިބި އިރު ގދ. ހޯޑެއްދޫގައި ބައްޔަށް ފައްސިވެފައިވާ 3 މީހަކު އެބަތިއްބެވެ. މީގެއިތުރުން އދ. މާމިގިލި، އދ. ކުނބުރުދޫ އަދި ގއ. މާމެންދޫ އިންވަނީ ކޮންމެ ރަށަކުން 2 މީހަކު ބައްޔަށް ފައްސިވެފައެވެ. މި ރަށްތަކުގެ އިތުރުން މިވަގުތު ފައްސިވެފައިވާ މީހުން މިވަގުތު ތިބީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ކ. ދިއްފުށި، އއ. ތޮއްޑޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. މަޑިފުށި، ގއ. ވިލިނގިލި އަދި ގދ. ތިނަދޫއެވެ.

ރާއްޖޭގައި މިވަގުތު މޮނީޓަރިން ހާލަތުގައި އޮތީ ހަމައެކަނި ގދ. ހޯޑެއްދޫއެވެ. އެޗްޕީއޭ އިން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމުލަ 7 ރަށެއްގައި ކޮވިޑް19 ފެސިލިޓީތައް ގާއިމުކޮށްފައިވާއިރު މިވަގުތު 6 މީހަކަށް ގއ. ވިލިނގިލި ކޮވިޑް19 ފެސިލިޓީގައި އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު ފުރަތަމަ މީހެއް މާޗު މަހުގެ 7 ވަނަ ދުވަހު ފެނިފައިވާއިރު މިވަގުތު ރާއްޖޭގައި 10،465 މީހަކަށް ވަނީ ބަލި ޖެހިފައެވެ. މިހާތަނަށް ރާއްޖޭގައި 9،310 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 34 މީހަކު ވަނީ މަރުވެފައެވެ.