English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫގައި ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކާއި އަދި ޚާއްޞަ ބަލިތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މިއަދު އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނުން އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީތައް ހިންގަމުން ގެންދަނީ އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއްގެ ގޮތުގައިކަމަށާއި މި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އެކުންފުނީގެ ފަރާތުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިގޮތުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަން ނިންމަވާފައިވާ އެއްމަސައްކަތަކީ ދިގު މުއްދަތަކަށް ބޭސް ބޭނުންވާ ފަރާތްތަކަށާއި ޚާއްޞަ ބަލިތަކުގެ ބޭސް ބޭނުންވާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލައި އެފަރާތްތަކަށް ބޭނުންވާ ބޭސް ފަސޭހައިން ކޮންމެ އަވަށެއްގެ ހުންނަ އެސްޓީއޯގެ ފާމަސީ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައި ދިނުންކަމަށް ކައުންސިލުންވަނީ ބުނެފައެވެ

އެހެންކަމުން އައްޑޫ ސިިޓީގައި ދިރިއުޅޭ ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކާއި އަދި ޚާއްޞަ ބަލިތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމަށްޓަކައި، އެފަރާތްތަކުގެ މަޢުލޫމާތު 12 އޮކްޓޯބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުޅުދޫ އޮފީހުގެ ނަންބަރު 6894728 އަށް ގުޅައިގެން ނުވަތަ އެއޮފީހުގެ އީމެއިލް އެޑްރެސް، [email protected] އަށް މެއިލް ކުރުމަށް ކައުންސިލުންވަނީ އެދިފައެވެ.

ކައުންސިލާއި ހިއްސާކުރުމަށް އެދިފައިވާ މައުލޫމާތުތަކުގެ ތެރޭގައި:

  1. ފުރިހަމަ ނަން
  2. ދާއިމީ އެޑްރެސް
  3. އައި.ޑީ ކާޑު ނަންބަރު
  4. ބަލީގެ ބާވަތް
  5. ބައްޔާއި ގުޅިގެން ބޭނުންކުރުމަށް ޑޮކްޓަރ އިރުޝާދު ދެއްވާފައިވާ ބޭހުގެ ނަން
  6. ގުޅޭނެ ފޯނު ނަންބަރު

ކޮވިޑް19 ގެ ސަބަބުން ސިއްހީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތެރޭގައި ދަތުރުފަތުރު ހުއްޓި، ދިގު މުއްދަތައް ބޭސް ބޭނުންކުރާ ފަރާތްތަކާއި ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ބޭސް ހޯދުމަށް ދަތިތަކާއި ކުރިމަތިވެގެންދިޔައެވެ