English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ ނައިބު "ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭންގައި ހަރަކާތްތެރިވާ މީޑިއާތަކުގެ މަންދޫބުންނާއި ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، “ކޯވިޑް ހުއްޓުވާނީ އަހަރެން” ގެ ނަމުގައި މީޑީއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ކެމްޕޭންގައި ހަރަކާތްތެރިވާ މީޑިއާތަކުގެ މަންދޫބުންނާއި ބައްދަލުކުރައްވައި، އެ ބޭފުޅުންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިއްޔެ މެންދުރުފަހު ދަރުބާރުގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، “ކޯވިޑް ހުއްޓުވާނީ އަހަރެން” ކެމްޕޭންގެ ދަށުން މީޑިއާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ.) އަދި ޞިއްޙީ މާހިރުންގެ އެންގުންތަކާއި އިރުޝާދުތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނަށް ފޯރުކޮށްދީ، މި ބައްޔާއި މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް މީޑިއާތަކުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން، ކޯވިޑް-19 ފެތުރުން ކުރިއަށްވުރެ މަދުވެފައިވާކަން ފާހަގަކުރައްވައި، މި ކަމުގައި މީޑިއާތަކުން އަދާކުރަމުންދާ ދައުރަށް އެ މަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އަދި، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ، އެ އަދަދުތައް އަލުން ގިނަވެދާނެކަން ހަނދާންކޮށް، އެ ކަން އެ ގޮތަށް ވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މީޑިއާ ކެމްޕޭންގެ ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރަސަން ވަނީ މި ކެމްޕޭނާއި މެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، މި ކެމްޕޭނަށް ސަރުކާރުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.