ކޮވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދޫކުރާ އެހީގެ ފައިސާ އަށް އެދި ހުށަހެޅުމަށް އަލުން ހުޅުވާލައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެގޮތުން، ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާގެ އެހީ އެ ފަރާތްތަކަށް ދިނުމަށް ބޭނުންވެގެން އެ މިނިސްޓްރީން ކުރި އިއުލާނަށް ކުރިމަތިލީ ގިނަ ފަރާތްތަކުން ހުށައަޅަންޖެހޭ ޑޮކިއުމެންޓްތައް ފުރިހަމައަށް ހުށަހަޅާފައިނުވާތީ، އެ ފަރާތްތަކުން ޑޮކިޔުމެންޓްތައް ފުރިހަމަކޮށް ހުށަހެޅުމަށާއި، އެކަމަށްއެދި ކުރިމަތިލި ފަރާތްތައް މަދުކަމަށް ފެންނާތީ، ވީހާވެސް ގިނަ ފަރާތްތަކަށް އެ އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެހީއަށް އެދި ހުށައެޅުމަށް ފުރުސަތު އިތުރަށް ހުޅުވާލާފައިވާ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެކަމަށް އެދި ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބާތިލްނުވާނެ ކަމަށެވެ. އަދި ކުރިން އެޕްލިކޭޝަން ހުށައެޅި ފަރާތްތަކުގެ ތެރެއިން، ހުށަހަޅާފައިވާ ލިޔުންތައް ފުރިހަމަވެފައިވާ ފަރާތްތަކަށް ލިޔުންތައް ފުރިހަމަވެފައިވާކަން އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށާއި، ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކަށް އެލިޔުންތައް ފުރިހަމަކޮށް ހުށަހެޅުމަށް ވެސް އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެ ފަރާތްތަކުންވެސް މި އިއުލާންގައިވާ ސުންގަޑީގެ ކުރިން އެލިޔުންތައް ފުރިހަމަކުރުމަށްފަހު ހުށައަޅަންވާނެ ކަމަށާއި، ލިޔުންތަށް ފުރިހަމަކޮށް އެޕްލިކޭޝަން ހުށައެޅިފައިވާކަން ކަށަވަރު ކުރުމަކީ ހުށައަޅާ ފަރާތުގެ ޒިންމާއެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.
“ޕްރީސްކޫލްތަކާއި ޤުރުއާން ކިލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލް”، އަދި ފައިސާގެ އެހީއަށްއެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
އެޑިޔުކޭޝަނުން ބުނީ ފައިސާގެ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން އެކަމަށްއެދި ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު 2020 އޮކްޓޫބަރު 08 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހަޅަންވާނެ ކަމަށާއި، ސުންގަޑީގެ ފަހުން ލިބޭ އެޕްލިކޭޝަންތައް ބާތިލްވާނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ޕްރީ ސްކޫލްތަކާއި ޤުރުއާން ކިލާސްތަކަށް ޒަކާތު ފަންޑުން ލިބިފައިވާ ފައިސާގެ އެހީ ދިނުމުގެ އުސޫލުގައި ބުނެފައިވާ ގޮތުން ޤުރުއާން ކިލާސްތަކަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 500،000ރ. އެވެ. އަދި ޕްރީސްކޫލްތަކަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 1،000،000ރ. އެވެ.