English Edition
Dhivehi Edition

ޑިޒާސްޓަރމެނޭޖުމެންޓް ސެޓަޕްގެ ތެރެއިން ރެސްޕޮންސް މެކޭނިޒަމެއް އައްޑޫސިޓީގައި ގާއިމް ކުރެވެންޖެހޭ ކަމަށް ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ. ސޯބެ މިހެން ވިދާޅުވީ ހިތަދުއަށް ނަގޫރޯޅިއެއް އަރައި އެތައް ގެއަކަށް ގެއްލުންވި ހާދިސާއާބެހޭ ގޮތުން އޭއޯނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ. ސޯބެ ވިދާޅުވީ އައްޑުއަކީ ސަރުކާރުކާރުގެ ހުރިހާ މުއައްސަސާއެއް ހުރި ސިޓީއެއް ކަމަށެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓްރީ، އެމްއާރުޑީސީ، އެސްޓީއޯ، އެމްއެންޑީއެފް ފަދަ ތަންތަން ހިމެނޭ ކަމަށެވެ. އެސްޓީއޯގައި ޓިނާއި، މޮހަރާއި، މަރުތެއްޔަށް ދާންދެން އެބަހުއްޓެވެ. އެމްއެންޑީއެފްގައި އިންޖިނިއަރުން އެބަތިއްބެވެ. ހައުސިން މިނިސްޓްރީގައި ރާނާ މީހުން އެބަ ތިބިއެވެ. އެހެންނަމަވެސް އެއްވެސް ކަމެއް ނުކުރެވި މިރެއާ ހަމައަށް ލަސްވުމަކީ ސަރުކާރުންވެސް އަދި ސިޓީކައުންސިލުންވެސް ބޭނުންވާ ގޮތް ނޫން ކަމަށް މޭޔަރ ވިދާޅުވިއެވެ. އެގޮތަށް އެހެންވަނީ ބައެއް މުއައްސަސާތަކުގެ ޕްރޮސީޖަރ ދިގުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސޯބެވިދާޅިވިއެވެ. ސޯބެ ވިދާޅުވީ އައްޑޫގައި ރެސްޕޮންސް މެކޭނިޒަމެއް ގާއިމްކުރެއްވުމުގެ މުހިންމު ކަމުގެ ވާހަކަ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފަށް ދެންނެވި ކަމަށެވެ. “އަޅުގަނޑު މިނިސްޓަރަށް ދެންނެވިން ރެސްޕޮންސް މެކޭނިޒަމެއް އައްޑޫގައި ގާއިމްވާންޖެހެޔޭ. މިނިސްޓަރ ވިދާޅުވީ އެއީ ކުރިއަށްއޮތްތަނުގައި ކުރައްވާނެ ކަމެއް ކަމަށް. އަޅުގަނޑުގެ އުންމީދަކީ މިކަންކަން ވާންޖެހޭނެޔޭ. އެއީ ކެޕޭސިޓީ އެބަހުރި، ސާމާނު އެބަހުރި، ދައުލަތުގެ ވަސީލަތްތައް މިއޮތީ މިތާގައި، މާލެއިން ބަޔަކު އައިސްގެން މަސައްކަތް ކުރަނީ. އެމްއެންޑީއެފްގައި ނުލާހިކު ރަނގަޅު އިންޖިނިއަރުން، މަސައްކަތްތެރިން އެތިބީ. ހައުސިން މިނިސްޓްރީގައި ރާނާ މީހުން ވަޑާންކުރާ މީހުން އެބައުޅޭ. އެސްޓީއޯގައި ޓިނު، އަނެއްތަނުގައި ލަކުޑި، މޮހަރު، މަރުތެޔޮ އެބަހުރި. ކީއްވެހޭ ނުވާންވީ،” ސޯބެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރޭ މި ހާދިސާ ހިނގިވަގުތުން ފެށިގެން އެމްއެންޑީއެފްއާއި، ޕޮލިހާއި ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް ހަރަކާތްތެރިވަމުން ގެންދަވާ ކަމަށެވެ. “އެހެން ކާރިސާތަކާ އަޅާބަލާއިރު އައްޑޫގައިހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ބޭފުޅުން ދިހަގަޑި ފަހެއްގައި މިކަންލައިގަތީސްސުރެން އެންމެން އައިސްތިބި. އޭގެ ތެރޭގައި އެމްއެންޑީއެފްގެ ބޭފުޅުންވެސް ލޮރީތަކާއެކު އައިސްތިބި. އެކަމަކު ހިނގާށޭ މިކަންކުރަން ކިޔާފައި ކަމެއްކުރުމުގެ ސެޓަޕް ނުވަތަ ސިސްޓަމް ނުވަތަ މެކޭނިޒަމެއްނެތޭ މިތާހެދިފައި،” ސޯބެ ވިދާޅުވިއެވެ.

ޓެގު