English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން މިރޭ ބޭއްވުނުއިރު، އާޖެންޓީނާގެ ލިއޮނަލް މެސީ ކުޅެމުން އަންނަ ބާސެލޯނާއާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސް އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.

މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި އެންމެ ބޮޑު ސިހުމެއް ލިބިގެންދިޔައީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް މި މުބާރާތުގެ ކުރީކޮޅު ފެނިގެންދާނެކަމުގެ ހަބަރުންނެވެ. އެގޮތުން، ދުވަސްތަކަކަށްފަހު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް އަމާޒުހިފާފައިވާ ޔުވެންޓަސް އާއި އެ މުބާރާތް ފަސް ފަހަރު ހޯދާފައިވާ ބާސެލޯނާ ހިމެނުނީ ގްރޫޕް ޖީ ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޔޫކްރޭންގެ ޑީނަމޯ ކިއޭވްގެ އިތުރުން ހަންގޭރީގެ ފްރެންކްވަރޯސް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މި ފަހަރު ލައްވާލީ ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ސްވިޒަލެންޑްގެ ސަލްޒްބާގް އިތުރުން ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯ އާއެކު ގްރޫޕް އޭ ގައެވެ. ދެން އެންމެ ފާހަގަކޮށްލެވެނީ ގްރޫޕް ބީ އެވެ. މި ގްރޫޕްގައި ހިމެނެނީ މި މުބާރާތުގެ ރަސްގެފާނުކަމަށްވާ ސްޕެއިނުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ އިތުރުން އިޓަލީގެ އިންޓަ މިލާނާއި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަދި ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް އެވެ.

30 އަހަރުގެ މެދުކެނޑުމަކަށްފަހު އިނގިރޭސި ޕްރިމިއާ ލީގު ތަށި ކާމިޔާބުކުރި ލިވަޕޫލް ހިމެނުނީ ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް އާއި މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އިޓަލީގެ އެޓަލާންޓާ އަދި ޑެންމާކްގެ އެފްސީ މިޑްޓިލޭންޑް އާއެކު ގްރޫޕް ޑީ ގައެވެ.

މި ފަހަރުގެ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. –ފޮޓޯ: ޔުއެފާ.ކޮމް

މީގެއިތުރުން، އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ހިމެނުނީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގައެވެ. ގްރޫޕް އެޗްގައި ދެން ހިމެނުނީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީގައި ޕީއެސްޖީ އަތުން ބަލިވި ޖަރުމަނުގެ އާރްބީ ލީޕްޒިގުގެ އިތުރުން ދުވަސްތަކަކަށްފަހު މި މުބާރާތަށް އެނބުރިއައި މެންޗެސްޓާ ޔުނައިޓެޑް އަދި ތުރުކީގެ އިސްތަންބޫލް ބަޝަކްޝެހިރް އެވެ.

މިފަހަރުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ޓީމުތައް ބެހިގެންދިޔަގޮތުން އެންމެ އާދައިގެ ގުރޫޕެއްގެ ގޮތުގައި ފާހަގަވެފައިވަނީ ގްރޫޕް އީ އެވެ. މިގްރޫޕުގައި ހިމެނެނީ ޔުރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާގެ އިތުރުން ޗެލްސީ އާއި ފްރާންސްގެ ރެނޭސް އަދި ރަޝިޔާގެ ކްރަސްނޮޑާރް އެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތައް މި މަހުގެ 20 އަދި 21 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައެވެ.