English Edition
Dhivehi Edition

ބައިނަލް އަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޏ، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ފުވައްމުލައް ސިޓީގައި އެނދުމަތިވެފައިވާ އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ މާހައުލަށް ޒިޔާރަތްކޮށްފިއެވެ.

ފުވައްމުލަކުގައި އެނދުމަތިވެފައިވާ މީހުންގެ ހާލު ބެލުމުގެ ގޮތުން ކުރި މި ޒިޔާރަތުގައި އެ އިދާރާއިން ވަނީ އެނދުމަތިވެފައިވާ ފަރާތްތަކުގެ އާއިލާއާއި ބައްދަލުކޮށް ހުރި ދަތިތަކާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވާފައެވެ. އަދި މީގެ އިތުރުން މި ޒިޔާރަތުގައި ވަނީ އެ ފަރާތްތަކަށް އުފާވެރި ދިރިއުޅުމެއް މަގުފަހިކޮށްދިނުމަށްޓަކައި އިސްރަށްވެހީންނަށް އާއިލާގެ އަޅާލުމާއި ލޯބި ދެވޭނެ ގޮތްތަކާއި ގުޅިގެން އާއިލާތަަކަށްވަނީ މައުލޫމާތުދީފައެވެ.

އާލަމީ ވަބާގެ މި ދަނޑިވަޅުގައި އުމުރުން ދުވަސްވީ މީހުންނާއި އެކު ގެވެށި ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަމާއި ގުޅޭގޮތުންވެސް އާއިލާތަކަށް ވަނީ މި ޒިޔާރަތުގައި މައުލޫމާތު ދީފައިކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މި ޒިޔާރަތުގައި އެ އިދާރާއިންވަނީ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޒިޔާރަތްކުރި ފަރާތްތަކަށް ހަދިޔާވެސް ދީފައެވެ.

ޏ، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ހާމަކުރި ގޮތުގައި މި ޒިޔާރަތުގެ ސަބަބުން އުމުރުން ދުވަސްވީ ފަރާތްތަކާއި ބައްދަލުވުމުގެ އިތުރުން އެ ފަރާތްތަކާއި އެކު ވަނީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވި އެ ފަރާތްތަކުގެ އިހުސާސްތައް ދެނެގަނެވިފައެވެ.

މި އަހަރުގެ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ ޝިޢާރަކީ، “ޕެންޑަމިކްސް: (އާލަމީ ވަބާ) ގެ ސަބަބުން އުމުރުން ދުވަސް ވުމާއި، ދޮށީ އުމުރުގެ މީހުންނާއި މެދު އަމަލު ކުރެވޭގޮތް ބަދަލުވޭތަ؟” މިއެވެ.

މި ޝިއާރުގެ މައިގަނޑު މަގުސަދަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19 ގެ ބަލި މަޑުކަމުގައި ދޮށީއުމުރުގެ މީހުންނަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކާތެރިކަމާއި، ތަހައްމަލު ކުރަންޖެހިފައިވާ ތަފާތު ދަތިތަކަށް ހޭލުންތެރިކުރުވުމެވެ. މީގެ އިތުރުން އެ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ހޯދައި ދިނުމާއި އަދި ކުރިއަށް އޮތްތާގައި ވެސް ކުރިމަތިވެދާނެ މިފަދަ ސިއްހީ ކާރިސާތަކުގެ ސަބަބުން ދޮށީއުމުރުގެ މީހުންނަށް ދިމާވެދާނެ ގޮންޖެހުންތަކުން ރައްކާތެރިކުރުމަށްޓަކައި ތައްޔާރުވެ ތިބުމަށް ބާރުއެޅުމެވެ.

ބައިނަލް އަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗް.އާރ.ސީ.އެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މުޖުތަމައުގެ އެކިކަންކަމުގައި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދީ ސިޔާސަތުތައް ބައްޓަންކުރަން ޖެހޭ ކަމަށެވެ. އެޗްއާރުސީއެމް އިން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، އެމަރުކަޒުގެ ވަސީލަތްތައް ފުޅާކުރުމަށް އެ ކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް ދަންނަވާ ކަމަށެވެ.

މުޅި ދުނިޔޭގައިވެސް ދޮށީ އުމުރުގެ މީހުންގެ އާބާދީ އަންނަނީ އެއް ދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވް. އެގޮތުން މިހާރު ދިވެހިރާއްޖޭގެ އާބާދީގެ ފަސް އިންސައްތަ ހިއްސާކުރަނީ ދޮށީ އުމުރުގެ މީހުންނެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބަށް ބަލާއިރު، 2040 ވަނަ އަހަރު ދިވެހިރާއްޖޭގެ އާބާދީގެ 10 ޕަސެންޓް ހިއްސާކުރާނީ ދޮށީއުމުރުގެ މީހުންކަމަށް ލަފާކޮށްފައިވެ އެވެ.