English Edition
Dhivehi Edition

ޝިޕިން އޭޖެންޓުން ރެގިޔުލޭޓު ކުރުމާ ގުޅޭ ގަވައިދު އެކުލަވާލުމަށްފަހު، ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅުއްވައި، އެ ގަވައިދު އުވާލުމާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އޭސީސީ އިން މި މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާކަން ޔަގީން ކޮށްދީފައިވާއިރު އޭސީސީއަށް އެ މައްސަލަ ހުށަހަޅާފައިވަނީ 70 މީހުންގެ ސޮޔާއެކު އެވެ. ގިނަ ބަޔަކު ސޮއިކޮށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެ ގަވާއިދު މިނިސްޓަރު އުވާލެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާ ޚިލާފަށް ކަމަށާއި މިއީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިދެއްވުމަށް ކުރެއްވިކަމެއްކަމަށެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލައިގެ ލިއުންތަކުގައި ބުނެފައިވަނީ ، މިދިޔަ ޖުލައި މަހުގެ 16 ގައި ގެޒެޓްކުރި ގަވާއިދު ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލެއްވިއިރު ގާނޫނު ތަންފީޒުކުރަން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށެވެ. އެ ގަވާއިދު ތަންފީޒުނުކުރާތީ އެ ޝަކުވާ ވެސް ޝިޕިން އެޖެންސީތަކުން ތަކުރާރުކޮށް ހުށަހަޅަމުންދިޔަ ކަމަށް މި ލިޔުންތަކުގައިވަނީ ބަޔާންކޮށްފައެވެ.

އެ ލިޔުމުގައި އިތުރަށް ބުނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނުގެ 14 ވަނަ މާއްދާގައި އެ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި ގަވައިދުތައް ހެދުމަކީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެއްކަމަށާއި އެހެންނަމަވެސް ޝިޕިން އެޖެންޓުންނާ ބެހޭ ގަވައިދު ބާތިލްކޮށްފައިވަނީ އެ އޮތޯރިޓީގެ ބޯޑުން ފާސް ކުރުމެއް ނެތި ކަމަށެވެ، އޮތޯރިޓީގެ ބަހެއް ނެތި މިނިސްޓަރު އަމިއްލަފުޅަށް ގަވައިދު އުވާލައްވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖައިޒުފައިދާއެއް ހޯދައިދިނުމަށް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައި ދިނުމަށް މި ލިޔުމުގައި ސޮއިކުރި ފަރާތްތަކުންވަނި ގޮވާލާފައެވެ.