English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 2.7 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެކަމަށް ފެނަކަ ފުވައްމުލަކުގެ މެނޭޖަރ، ހުސައިން ޝާފީ އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޭއޯ ނިއުސް އަށް ދިން ހާއްސަ އިންޓަވިއު އެއްގައި ޝާފީ ވިދާޅުވިގޮތުގައި ފުވައްމުލަކުގެ ނަރުދަމާ މައްސަލައަށް ހައްލެއް ހޯދުމަށް މިވަގުތު ކުރިއަށްދަނީ ކެޗްޕިޓްތައް (ގޯތި ތެރޭގައި ބެހެއްޓުނު ޖަންކްޝަން) ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ބަޖެޓު ހަމަޖެހި ފެނަކައާއި މަސައްކަތް ހަވާލުކުރެވޭ ހިސާބުން 6 މަސް ދުވަހުގެ ތެރޭގައި ފުވައްމުލަކުގެ ނަރުދަމާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ޝާފީ ވަނީ ވިދާޅުވެފައެވެ.

ޝާފީ އިތުރަށް ވިދާޅުވި ގޮތުގައި މިވަގުތު ފުވައްމުލަކުގެ ނަރުދަމާއަށް ދިމާވެފައިވާ މައްސަލައާއި ބެހޭ ގޮތުން ދާއިރާގެ ފަންނީ މީހުންނާއި ނަރުދަމާގެ ވެކިއުމް ސިސްޓަމް ފޯރުކޮށްދީފައިވާ ޖަރުމަނުގެ ކުންފުނި ކަމުގައިވާ ރޮޑިގާ އާއި އެއްކޮށް ވޭތުވެދިޔަ ދުވަސްތަކުގައި 2 ސާވޭއެއް ކުރެވިފައިވާ ކަމަށެވެ. މި ސާވޭ އަށް ފަހު ސަރުކާރަށް ސާވޭގެ ރިޕޯޓު ހުށައެޅުމުން އެންވަޔަރމަންޓް މިނިސްޓްރީއިން އިތުރު ސާވޭކުރަން ބޭނުންވުމުގެ ސަބަބުން މޯލްޑިވްސް ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީ އާއި އެއްކޮށް އިތުރު ސާވޭ އެއް ވަރަށް ފަހުން ކުރެވިފައިވާ ކަމަށްވެސް ޝާފީ ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގެ ނަރުދަމާގެ މައްސަލައިގެ މައިގަނޑު އަސްލަކީ ނަރުދަމާ އެޅުމުގައި މަސައްކަތް ކުރެވިފައި ހުރި ގޮތުންނާއި ބޭނުން ކުރެވިފައިވާ ބައެއް މެޓީރިއަލް ތަކުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށް ޝާފީ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ނަރުދަމާ މައްސަލައިގެ އެއް އަސްލަކީ ނަރުދަމާ ނިޒާމުގެ ކެޗްޕިޓްތައް ބެހެއްޓުމުގައި މަސައްކަތްކުރެވިފައި ހުރި ގޮތުން ދިމާވާ މައްސަލަތަކެއް ކަމަށް ޝާފީ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ކެޗްޕިޓްގެ މަތިތައް ނެއްޓިފައި ހުރުމާއި ޕެކިންގް ދޫވެފައި ހުރުމުގެ ސަބަބުން ސިސްޓަމަށް ފެން އެޅުމާއި ސިސްޓަމް އެތެރޭގައި ހުންނަންޖެހޭ ވަޔާއި ފެނުގެ ހަމަޔަށް ބަދަލު އައުމުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް ޝާފީ ވިދާޅުވިއެވެ. މީގެ އިތުރުން މަގުމަތީގައި ބެހެއްޓިފައި ހުރި ޗެމްބަރު ތަކުގެ ބައިތަކަށް ފެންއެޅުމުގެ ސަބަބުން ޗެމްބަރުގެ ކޮންޓްރޯލަރ މަސައްކަތް ކުރުން ހުއްޓުމުގެ ސަބަބުން ކަމަށްވެސް ޝާފީ ވަނީ މައުލޫމާތުދެއްވާފައެވެ. މިހެންވުމުގެ ސަބަބުން އެ ޗެމްބަރ ހުންނަ ސަރަހައްދުގެ ހުރިހާ ގެއަކަށް ގުޅާފައި ހުންނަ މައިގަނޑު ހޮޅި އަދި ގެއަށް ގުޅާފައިވާ ހޮޅި ބެދޭ ކަމަށްވެސް ޝާފީ ވަނީ ފާހަގަކުރައްވާފައެވެ.

ޝާފީ ހާމަކުރެއްވި ގޮތުގައި ކެޗްޕިޓްތަކަށް ގެއްލުން ލިބުމުގައި ރައްޔިތުންގެ އިހުމާލުވެސް ވަނީ ކޮންމެވެސް ވަރަކަށް ފާހަގަކުރެވިފައެވެ. މީގެ އިތުރުން ޝާފީ ވިދާޅުވި ގޮތުގައި ބައެއް ގެ ތަކުގައި ފުރާޅަށް އެޅޭ ފެން އަދި ވާރޭ ވެހުމުގެ ސަބަބުން ގޯތިތެރެއަށް ޖަމާވާ ފެން ހިންދުމަށް ކެޗްޕިޓްތައް ބޭނުންކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބައެއް ގޯތިތަކުގެ ކެޗްޕިޓްތަކުން ބިއްލޫރި ފުޅި، ގާ އަދި ގަހުގެ ބައިތައް ފަދަ ތަކެތި ފެނިފައިވާ ކަމައްވެސް ޝާފީ ވަނީ ފާހަގަކުރައްވާފައެވެ،

ފުވައްމުލަކުގެ ގިނަ ރައްޔިތުންތަކެއް އަންނަނީ ނަރުދަމާ މައްސަލައާއި ގުޅިގެން ޝަކުވާ ކުރަމުންނެވެ. އެގޮތުން ރަށުގެ ރައްޔިތުން ނަރުދަމާގެ މައްސަލައަށް ވީ އެންމެ އަވަހަކަށް ހައްލެއް ހޯދުމަށް އެދެމުން ދާއިރު ރައްޔިތުން ފާހަގަކުރަމުން އަންނަ ގޮތުގައި ނަރުދަމާގެ މައްސަލައިގެ ސަބަބުން ގޯތި ތެރެ އަދި މަގުމަތީގައި ނަޖިސް ވަސް ދުވުމާއި ރަށުގެ ފެން ސަކަރާތް ވުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.