English Edition
Dhivehi Edition
ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު މުއާޒް

ނިމިދިޔަ ރަމަޟާން މަހު ގިނަ ބަޔަކު ކަރަންޓު ބިލް ބޮޑުވުމާ ގުޅިގެން ޝަކުވާ ހުށަހަޅާފައިވާއިރު، މިކަން ދިމާވީ އެ މަހު ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުގެ ސަބަބުންކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޢާޒު ވިދާޅުވީ، ޝަކުވާތަކާ ގުޅިގެން ބިލިންގ ސިސްޓަމްގައި މައްސަލައެއް އުޅޭތޯ ބެލި ނަމަވެސް، އެފަދަ މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް، ރޯދަ މަހު ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެ، ހޫނުގަދަވުމުގެ ސަބަބުން ބިލުތައް ބޮޑުވެފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތްތަނުގައި ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް ދެނެގަނެވޭނެ ސްމާޓް މީޓަރ ޕްރޮޖެކްޓެއް ފެނަކައިން ކުރިޔަށް ގެންދާ ވާހަކަ ވެސް މުޢާޒު ވަނީ ފާހަގަކުރައްވާފައެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ރައްޔިތުން އިތުރަށް ހޭލުންތެރިވެ، ކަރަންޓް ބޭނުން ކުރެވޭ މިންވަރާމެދު ސަމާލުވެ، ކަރަންޓު ބިލު ކުޑަކުރުމަށް މަސައްކަތް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

“މާނައަކީ މާދަމާ ނިމޭއިރު، މިހާރު ބިލަށް އަރާފައި ހުރި ވަރު އެނގޭނެ. އެހެންވީމާ، އޭރުން ކަސްޓަމަރުންނަށް އެނގޭނެ އިތުރަށް އިކޮނަމައިޒް ކުރަން. އޭރުން މަގުފަހިވެގެން ދާނެ ބޭނުން ލެވެލްގައި ކަރަންޓު ބިލު ބެހެއްޓުމަށް،” މުޢާޒު ވިދާޅުވިއެވެ.

މި ސްމާޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން ދ. އަތޮޅުގައި މަސައްކަތް ކުރިޔަށްދާކަމަށާއި، ދ. ކުޑަހުވަދޫގައި މި ޕްރޮޖެކްޓްގެ މަސައްކަތް ނިމިފައިވާކަން ވެސް މުޢާޒު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ކަރަންޓު ބޭނުންކުރާ މިންވަރު ރައްޔިތުންނަށް ދުވަހުން ދުވަހަށް އެނގި، ބިލު ކުޑަކުރުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

ޓެގު