English Edition
Dhivehi Edition

ހދ.ނައިވާދޫ ސިއްޙީ މަރުކަޒަށް ދޭން ނިންމި އެމްބިއުލާންސު ނުލިބުމާއި ގުޅިގެން އެ ރަށު ބަޔަކު ނިކުމެ ހޮސްޕިޓަލްގެ މައި ދޮރުގައި ފިލާގަނޑެއް ހަރުކޮށް މޮހޮރުޖަހާ ބަންދުކޮށްފިއެވެ.

ރޭ ދަންވަރު 12:30 ހާއިރު ބަޔަކު މީހުން ސިއްހީ މަރުކަޒަށް ވަދެ ދޮރުގައި ފިލާގަނޑެއްޖަހާ ބަނދުކޮށްފައިވާއިރު އެ ފިލާގަނޑުގައި “ކޮބާ ނައިވާދޫ އަށް ދޭން ބުނީ އެމްބިއުލާންސް؟” މިހެން ލިޔެފައިވެއެވެ. އެ ރަށު ކައުންސިލު މެމްބަރަކު ބުނީ ސިއްހީ މަރުކަޒުގެ ޑިއުޓީގައި އެ ވަގުތު ވޮޗަރެއްވެސް ހުރިކަމަށާއި އެހެންނަމަވެސް މިކަން ހިނގާދިޔަ ކަމެއް އޭނާ އަށް އެގިފައި ނުވާކަމަށެވެ. އަދި މިހާތަނަށް މިކަންކޮށްފައިވަނީ ކޮންބައެއްކަން އެގިފައި ނުވާއިރު މިހާރު ދޮރުގައި ހަރުކުރި ފިލާ ގަނޑު ނައްޓާފައިވާކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.

ނައިވާދޫ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ކުދިކުދި ރަށްރަށުގެ އެންބިއުލާންސްތައް ހަލާކުވެ މަރާމާތުކުރުމަށް ގިނަ ދުވަސްތަކެއް ނަގާ މައްސަލަތައް މީގެ ކުރިންވެސްވަނީ ފެންމަތިވެފައެވެ.