English Edition
Dhivehi Edition
ނާއްކޮ އަދި އާއްކޮ

ކުޅިވަރުގެ މައިދާނުގައި ދިވެހިން މޮޅެތި ކާމިޔާބީތައް ހޯދާ ހާސިލު ނުވާނެ ކަމަށް ހީކުރެވުނު އެތައް ލަނޑުދަނޑިތަކެއް ހާސިލުކޮށްފިއެވެ. އެއް އިރެއްގައި ފިރިހެނުން ކުޅެ އުޅެންޖެހޭ ކުޅިވަރެކޭ ބުނެ އުޅުނު އެތައް ކުޅިވަރެއް އަންހެނުން ކުޅެ މޮޅެތި ނަތީޖާތައްވެސް ހޯދައިފިއެވެ. ޒަމާނަށް އައި ބަދަލާއިއެކު ތަފާތު އާ ކުޅިވަރުތަކެއް ދިވެހިންގެ މެދުގައި ތަޢާރަފުވެ މަޤުބޫލުވެސްވެއްޖެއެވެ، މި ލިޔުމުގައި މިބަލާލަނީ ޅަ އުމުރުގައި ފުޓްސަލް ކުޅެން ފައްޓައި ފޮނި ހުވަފެންތަކެއް ކުރިމަގާއި މެދު ދެކެމުން އަންނަ ދެ އަންހެން ކުއްޖަކަށެވެ.

ފުވައްމުލައް ސިޓީ މާލެގަން ސްޕޯޓްސް ކްލަބް އިން އިންތިޒާމުކޮށްގެން އެ ސިޓީގައި ދާދި ފަހުން ކުރިއަށްގެންދިޔަ މާލެގަން ކަނބަލުން ފުޓްސަލް ޗެލެންޖް 2020ގައި މުބާރާތް ނިމުނު އިރު އެ މުބާރާތް ބަލަންދިޔަ ގިނަ ފަރާތްތަކެއް ހުއްޓާލުމެއް ނެތި ދައްކަމުން ދިޔައީ އުމުރުން 12 އަހަރުގެ އާމިނަތު ނާހީ ނަޖްމީ (ނާއްކޮ) އަދި އުމުރުން 14 އަހަރުގެ އާއިޝަތު އަތްފާ ހަސަން (އާއްކޮ)ގެ ވާހަކައެވެ.

ނާއްކޮ އާއި އާއްކޮ ބުނި ގޮތުގައި ދެ ކުޅުންތެރިންވެސް ފުޓްސަލް ކުޅެން ފެއްޓީ ސްކޫލުގައި އުޅެމުން ލިބޭ ހުސްވަގުތުގައި ހަވީރު ގެ ކައިރީ އޮންނަ ފުޓްސަލް ދަނޑަށް ގޮސް ރައްޓެހިންނާއި އެއްކޮށް އުޅުމުގެ ތެރެއިންނެވެ. އެގޮތުން ދެ ކުޅުންތެރިންވެސް ހާމަކުރި ގޮތުގައި އާއްމުކޮށް ފުޓްސަލް ކުޅެ އުޅެނީ އެ ސަރަހައްދުގައި އުޅޭ ފިރިހެން ކުދިންނާއި އެއްކޮށެވެ.

ދަނޑުމަތީގައި ދެ ކުޅުންތެރިންގެ ވެސް ކުޅުން ވަރަށް ތަފާތެވެ. އާއްކޮ ފާހަގަކުރެވިގެން ދިޔައީ ދަނޑާއި ރައްޓެހި ފަރިތަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން ދަނޑުމަތީގައި އެހެން ކުޅުންތެރިންނަށްވުރެން ހަލުވިކޮށް އާއްކޮ ފެނިގެން ދިޔައިރު މުބާރާތުގެ އެންމެ ގިނަ ގޯލުވެސް ކާމިޔާބުކުރީ އާއްކޮއެވެ. ވަކި ފާހަގަކޮށްލެވޭ ކުޅުންތެރިއެއް މިވަގުތު ނެތްކަމުގައި ވިއަސް އާއްކޮ ބުނި ގޮތުގައި އާއްކޮ އަކީ ކުޅިވަރާއި ރައްޓެހި ގިނަ ކުޅިވަރުތަކެއް ބަލާ ކުޅުންތެރިއެކެވެ.

ނާއްކޮ އަކީ ޓީމުގެ މައި ސިކުނޑިކަމަށް ގިނަ ބައެއް ފާހަގަކުރިއެވެ. ވިސްނުންތޫނު ކަމާއި އެއްކޮށް މޮޅު ކުޅުމެއް ނާއްކޮ މުބާރާތުގައި ދައްކާފައިވާއިރު ނާއްކޮ ބުނި ގޮތުގައި ނާއްކޮގެ އެންމެ މަގުބޫލު ކުޅުންތެރިއަކީ ލުއިޒް ރޮނާލްޑޯއެވެ. މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިއާއަށް ނާއްކޮ ވީ އިރު ނާއްކޮ ފާހަގަކުރެވުނީ ކުޅިވަރުގެ މައިދާނުގައި ލިބޭ އަނިޔާތަކުން ކުޅުމުގެ ފެންވަރަށް ބަދަލު ނުގެންނަ ހިތްވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ދެ ކުޅުންތެރިންވެސް ހާމަކުރި ގޮތުގައި މިފަހަރުގެ މުބާރާތުގައި އަމިއްލަ އަށް ފެނިގެން ބައިވެރިވި އިރު އުއްމީދަކީ ގައުމީ ފެންވަރުގައި ފުޓްސަލް ކުޅޭނެ ފުރުސަތު ކޮންމެވެސް ދުވަހަކުން ލިބިގެން ދިއުމެވެ. އެގޮތުން ދެ ކުޅުންތެރިންވެސް އެ އަމާޒު ހާސިލު ކުރުމަށް ފުޓްސަލްގައި ކުރިއަށްދާން ތައްޔާރަށް ތިބިއިރު ދެ ކުޅުންތެރިންވެސް ތިބީ ރަނގަޅު ތަމްރީނީ ޕްރޮގްރާމެއްގެ އުއްމީދުގައެވެ.

އާއްކޮ އާއި ނާއްކޮ އަށް އޭއޯ ނިއުސްގެ ފަރާތުން އެދެނީ ކާމިޔާބީއަށެވެ.