English Edition
Dhivehi Edition

ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލި ނިކަމެތިވި ޒުވާނުން ދިވެހިރާއްޖޭގައި ވަރަށް ގިނައެވެ. ވަޒީފާ ތިބި ބައެއް ޒުވާނުންނަށް މުސާރަ ނުލިބި ވީ އިރު މުސާރަ ލިބުނު ގިނަ ފަރާތްތަކަށް ލިބުނީ ވަރަށް ކުޑަ މުސާރައެކެވެ. ސ. ހިތަދޫ އަށް އުފަން ހުސައިން އަހުސަން އަކީވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަނިކޮށް ކޮވިޑް19ގެ ސަބަބުން ވަޒީފާއަށް ބުރޫ އެރި ޒުވާނެކެވެ. ފުވައްމުލައް ސިޓީގައި މާދަމާ (28 ސެޕްޓެމްބަރ) ހުޅުވަން ހަމަޖެހިފައިވާ ޒެޕްލިން ރެސްޓޯރަންޓަކީ އޭނާއަށް ކޮވިޑް19ގެ ސަބަބުން ދިއްލުނު ހުޅުކޮޅެވެ.

“އަސްލު ވަޒީފާ އަދާކުރި ތަނުން ލިބުނީ ކޮވިޑް19ގެ ސަބަބުން ވަރަށް ކުޑަ މުސާރައެއް، 200 ޑޮލަރު ވެސް ހަމަ ނުވޭ. އެއް އަހަރު ނުވާ ދަރިއެއް އޮތީމަ ހަރަދުތައް ވަރަށް ބޮޑު ވުމުން ދާއިމީ ގޮތަކަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދަން މަޖުބޫރުވި. އެހެންވެ ގާތް ރައްޓެހިންނާއި އާއިލާއާއި މަޝްވަރާ ކުރުމަށްފަހު ނިންމީ ރެސްޓޯރަންޓެއް ހުޅުވަން، އަންހެނުން ފުވައްމުލައް ވީމަ ނިންމީ އެ ރަށުގައި ހުޅުވަން” ހުރިހާ އުމުރެއްގެ މީހުންނާއިވެސް ގުޅޭ ގޮތައް ރެސްޓޯރަންޓުގެ ޑިޒައިން ތައްޔާރުކޮށްފައިވާ ޒެޕްލިން ރެސްޓޯރަންޓްގެ ވެރިފަރާތް ކަމުގައިވާ އަހުސަން ކިޔައިދިނެވެ.

އަހުސަންގެ ވަޒީފާގެ ތަޖުރިބާ ވެސް ހުރީ ރިސޯޓުތަކުގެ ރެސްޓޯރަންޓު މެނޭޖަރ އެއްގެ ގޮތުގައެވެ. ރާއްޖޭގައި މަގުބުލު ރިސޯޓުތަކެއްގެ ރެސްޓޯރަންޓުތަކުގައި މަސައްކަތް ކޮށްފައިވާ އަހުސަން ބުނި ގޮތުގައި ޒެޕްލިން ރެސްޓޯރަންޓު ހުޅުވުމުގެ ކުރިން އެއީ ކިހާވަރެއްގެ ކަމެއްތޯ ޔަގީންކުރި ކަމަށެވެ. އެގޮތުން މިހާރުވެސް ފުވައްމުލަކުގައި ރެސްޓޯރަންޓުތައް ހިންގަމުން އަންނަ ފަރާތްތަކާއިވެސް މަޝްވަރާ ކުރި ކަމަށްވެސް އަހުސަން ވަނީ ބުނެފައެވެ.

ބޭނުންވަނީ މީރު ކެއުންތަކަށް ވުރެން ރަނގަޅު ތަޖުރިބާއެއް ކަސްޓަމަރުންނަށް ދޭން

އަހުސަން ބުނި ގޮތުގައި ރިސޯޓު ދާއިރާގައި ކުރި މަސައްކަތުން ދަސްވި އެއްކަމަކީ މިއަދުގެ މުޖުތަމައު ބޮޑަށް ބަރޯސާ ވަނީ ކުރެވޭ ތަޖުރިބާއަށްކަމަށެވެ. އެގޮތުން ޒެޕްލިން ރެސްޓޯރަންޓުގައި ކަސްޓަމަރުން އައިސް ހޭދަ ކުރާ ވަގުތަކީ އެންމެ އެކަށޭނެ ހިތްހަމަޖެހޭ ފަދަ ވަގުތަކަށް ހަދައިދިނުމަށް ތަނުގެ ހިދުމަތުގެ ވައްޓަފާޅި ވަރަށް ބޮޑަށް ބައްޓަންވެގެން ދާނެކަމަށްވެސް އަހުސަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ތަނުން ހިދުމަތް ހޯދާ ފަރާތްތަކާއި ގާތް ގުޅުމެއް އުފެއްދުމާއި ވީހާވެސް ‘ޕާސަނަލައިޒް’ ގޮތަކަށް ކެއުންތައް އަދި އެހެން ހިދުމަތްތަށް ދިނުމުގައި ވިސްނާފައި ވާނެ ކަމަށްވެސް އަހުސަނު ވަނީ ބުނެފައެވެ. ހިދުމަތް ހޯދައިގެން ނިކުންނަ ކޮންމެ ކަސްޓަމަރަކީ އަލުން އެތަނަށް އަންނަ ހިތުން އަންނާނެ މީހަކަށް ހެދުމަށްޓަކައި ތަނުގެ މުވައްޒަފުން ޓްރެއިން ކުރެވި ލަފާ ދެވިފައިވާނެ ކަމަށްވެސް އަހުސަން ބުންޏެވެ.

ރަށުގެ ހުނަރުވެރިންގެ މަސައްކަތް ފެންނާނެ

އަހުސަން ބުނި ގޮތުގައި ކޮވިޑް19ގެ ސަބަބުން ރަށުން ލިބެން ނެތް ތަކެތި ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނެވެ. އެގޮތުން ތަނުގެ ޒީނަތްތެރިކަމަށް ބޭނުންކުރާނެ ތަކެތި ހޯދުން ވެގެން ދިޔައީ ވަރަށް ދަތިކަމަަކަށެވެ. މިހެން ކަންތައް ދިމާވުމުގެ ސަބަބުން ރަށުގައި ތިބި އެކި ކަހަލަ ހުނަރުވެރި ޒުވާނުންގެ މަސައްކަތް ދައްކާލުމަށް ވަރަށް ރަނގަޅު ފުރުސަތަކަށްވި ކަމަށްވެސް އަހުސަނު ވަނީ ބުނެފައެވެ. އެގޮތުން ރެސްޓޯރަންޓުގައި އާންމު ގޮތެއްގައި ބޭނުންކުރާ ބައެއް ސާމާނުގެ އިތުރުން ތަނުގެ ޒީނަތްތެރިކަމަށް ކުރަހާފައިވާ ކުރެހުންތަކާއި އަދިވެސް އިތުރު ގިނަ މަސައްކަތްތަކަކީ ޒުވާނުންތަކެއްގެ ބުރަ މަސައްކަތް ކަމަށްވެސް އަހުސަން ވަނީ ފާހަގަކޮށްފައެވެ.

ރެސްޓޯރަންޓުން ޒުވާނުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ

އަހުސަން ފާހަގަކުރި ގޮތުގައި ޒެޕްލިން އަކީ އަހުސަންގެ ރެސްޓޯރަންޓެއް ކަމުގައި ވީ ނަމަވެސް އެއީ އޭނާ ޒުވާނުންނަށް ހުޅުވާލަދޭ ފުރުސަތެކެވެ. އެގޮތުން ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިންނެވެ. ވަޒީފާގެ ދާއިރާއަށް އަލަށް ނިކުމެފައިވާ މޫނުތައްވެސް ރެސްޓޯރަންޓުން ފެންނާނެކަމަށް އަހުސަން ބުންޏެވެ. މީގެ އިތުރުން ރެސްޓޯރަންޓުގެ ބައެއް ޙިދުމަތްތައް އެހެން މީހުންގެ ފަރާތުން ހޯދައިފަިއިވާނެކަމަށްވެސް އަހުސަން ވަނީ ބުނެފައެވެ. އެގޮތުން އަހުސަން ފާހަގަކުރި ގޮތުގައި ރެސްޓޯރަންޓުގެ ޕޭސްޓްރީ ބައި ކުރިއަށް ގެންދާނީ ފުވައްމުލައް ސިޓީގައި ޕޭސްޓްރީ ބާވަތްތައް ތައްޔާރުކުރުމަށް މަޝްހޫރު އަޒޫ ކޭކްސްގެ ފަރާތުންނެވެ. މީގެ އިތުރުން ރެސްޓޯރަންޓަށް ބޭނުންވާ ސާމާނު ހޯދުމުގައި އަލަށް އެފަދަ މަސައްކަތްތައް ފައްޓާފައިވާ ފަރާތްތަކަށް ފުރުސަތު ދީފައިވާނެ ކަމަށްވެސް އަހުސަން ވަނީ ފާހަގަކޮށްފައެވެ.

ހިދުމަތްތަކުގެ އަގު ފެންވަރާއި ބަލާފައި ހެޔޮވާނެ

ޒެޕްލިން ރެސްޓޯރަންޓުގައި ތަފާތު އެކި ވައްތަރުގެ ކެއުންތަކާއި ބުއިންތައް އަދި ޝީޝާ ލައުންޖެއް ހިމެނޭއިރު ހުރިހާ ހިދުމަތެއްގެ ވެސް އަގު ލިބޭ ހިދުމަތުގެ ފެންވަރާއި ބަލާފައި ހެޔޮވާނެކަމަށް އަހުސަން ވަނީ ބުނެފައެވެ. އެގޮތުން ތަފާތު އެކި ވައްތަރުގެ ކެއުންތައް މިތަނުގައި ލިބެން ހުރި އިރު ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތަކީ އެ ދާއިރާގައި ގިނަ ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. މީގެ އިތުރުން އެތަނުން ލިބެން ހުންނަ ބުއިންތަކުގެ ރަހަ ހެޔޮވަރު ކުރުމުގެ ފަހަތުގައި ވަނީ އެކަމުގެ ތަޖުރިބާ ހުރި ފަރާތެއް ކަމަށާއި މުވައްޒަފުން އެކަމަށް ވަރަށް ރަނގަޅަށް ތަމްރީނު ކުރެވިފައިވާ ކަމަށްވެސް އަހުސަން ވަނީ ބުނެފައެވެ.

ޒެޕްލިން ރެސްޓޯރަންޓުގެ ދޮރުތައް މާދަމާއިން ފެށިގެން އާންމުންނަށް ހުޅުވާލާއިރު މިރޭ އެ ރެސްޓޯރަންޓުގެ ސޮފްޓް އޯޕެނިންގް އޮންނާނެއެވެ. މި ހަފްލާއަށް ވަނީ އެ ރަށުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ދައުވަތު ދީފައެވެ.