English Edition
Dhivehi Edition
ރެއާލް މެޑްރިޑް މޮޅުވި ލަނޑުޖެހުމަށްފަހު އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ކެޕްޓަން ސާޖިއޯ ރާމޮސް ވައްދާލި ޕެނަލްޓީއާއެކު ރަށުން ބޭރުގައި ރެއާލް ބެޓިސް އަތުން 3-2 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މޮޅުވި ފުރަތަމަ މެޗެވެ. ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗު ނިމުނީ 0-0 އިން ރެއާލް ސޮސިއެޑާޑްއާ އެއްވަރުވެގެންނެވެ.

ބެޓިސްގެ ބެނީޓޯ ވިޔަމެރިން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީވެސް ރެއާލުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އުރުގުއޭގެ އަރަމުން އަންނަ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރީނ،ް ބެޓިސްގެ އައިސާ މަންޑީ އާއި ވިލިއަމް ކަވާލިއޯ ކާމިޔާބުކުރި ގޯލްތަކާއެކު އެ ޓީމު ވަނީ 2-1 އިން ކުރިހޯދާފައެވެ.

ރެއާލުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ބެޓިސްގެ އެމަސަން އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އޭގެފަހުން، މެޗުގެ 67 ވަނަ މިނެޓުގައި އެމަސަން އަށް ރަތެއް ދެއްކުމުން ބެޓިސް އަށް މައްސަލަތައް ކުރިމަތިވެފައިވަނިކޮށް، ރެއާލް މޮޅުވީ މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ބެޓިސްގެ ޑިފެންޑަރު މާކް ބަޓްރާގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ވައްދާލުމަށްފަހު ރާމޮސް ވަނީ ލީގުގައި ވިދިވިދިގެން 17 ސީޒަނުގައި ލަނޑުޖެހި ތިންވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެލްޗޭ އަތުން 3-0 އިން ސޮސިއެޑާޑް މޮޅުވިއިރު ވެލެންސިއާ ވަނީ އަމިއްލަ ދަނޑުގައި ހުއެސްކާއާ 1-1 އިން އެއްވަރުވެފައެވެ. އަލަވެސްއާ ގެޓަފޭ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި، ސައްތައިގެ ރެކޯޑަކާއެކު އޮތް ގްރަނަޑާއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅޭ މެޗާއި ބާސެލޯނާއާ ވިޔަރެއާލް ބައްދަލުކުރާ މެޗު ހިމެނެއެވެ. އެތުލެޓިކޯގެ މެޗު ރާއްޖޭގަޑިން 19:00 ގައި ފަށާއިރު، ބާސެލޯނާ ކުޅޭ ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ދަންވަރު 00:00 ގައެވެ.