ފުވައްމުލަކު ސިޓީގެ ތިމާވެށި ހިމާޔަތްކުރުމާބެހޭ ޤަވާއިދު 1.1 ގެ ޑްރާފްޓު ނިމި ޢާއްމު ފަރާތްތަކުގެ ޙިޔާލު ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ރަށުގެ ޖަމިއްޔާތަކާއި އާންމުންނާއި ބައްދަލުކޮށްފިއެވެ.
މި ޤަވާއިދަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޤާނޫނު ނަންބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 166 ވަނަ މާއްދާގެ (ޅ) ގެ ދަށުން ފުވައްމުލައް ސިޓީގެ ގޮނޑުދޮށަށް ލައްގާ ވެލި، އަކިރި، ގާ އަދި މުރަކަ ފަދަ ތަކެތި ޙިމާޔަތް ކުރުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.
ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ކުރުނދުމާ މާލަމުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ފުވައްމުލަކުގެ ގޮނޑު ދޮށުން ވެލި އަދި އަކިރި ނެގުމުން އެކަމަށް ފިޔަވަޅު އެޅުމުގައި ޤަވާއިދެއް ނެތުމުގެ ސަބަބުން ދަތިތައް ދިމާވެފައިވާ ކަމުގައެވެ. އެގޮތުން ރަށުގެ ރައްޔިތުން ގަވާއިދާއި ހިލާފަށް ނަގާފައިވާ ވެލި މީހުންގެ އަތުން ގަންނަމުން ދިޔުމުގެ ސަބަބުން އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހިތްވަރު ދެވެމުން ދާތީ ގަންނަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ މުހިންމުކަމާއި ބެހޭ ގޮތުންވެސް ބައިވެރިން ވަނީ ޙިޔާލު ފާޅުކޮށްފައެވެ.
މި އެކުލަވާލެވޭ ޤަވާއިދާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރ އުމަރު އަބްދުﷲ ވިދާޅުވިގޮތުގައި މިހާރު ޤާނޫނު އޮތް ގޮތުން ފުލުހުން މެދުވެރިކޮށް ގޮނޑު ދޮށުން ވެލި ނަގާ ފަރާތްތައް ހޯދާ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުނު ކަމުގައިވިޔަސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެ ފަރާތްތަކާއިމެދު ޖިނާއީ ދައުވާ ނުކުރާނެކަމަށް ފުލުހުންނަށް އަންގައިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ފާއިތުވެދިޔަ ދުވަސްތަކުގައި ގޮނޑުދޮށުން ވެލި ނަގައިގެން ހައްޔަރު ކުރެވުނު އެއްވެސް ފަރާތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅިފައިނުވާ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ފާހަގަކުރެއްވި ގޮތުގައި ފުވައްމުލައް ސިޓީގެ ތިމާވެށި ހިމާޔަތްކުރުމާބެހޭ ގަވާއިދުގެ ޑްރާފްޓުގައި ވާގޮތުގައި އެ ގަވާއިދުގައި ކުރުން މަނާ ކޮށްފައިވާ އެއްވެސް ކުށެއް ކުރާ ފަރާތަކާއި މެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާއިން ފުވައްމުލައް ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
ފުވައްމުލަކަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. އެގޮތުން މިހާރުވެސް ފުވައްމުލަކުގެ އެކި ސަރަހައްދު ތަކުން ވަނީ ވަރަށް ބޮޑު ސަރަހައްދެއް ގިރައިގެން ގޮސްފައެވެ.