English Edition
Dhivehi Edition

ކޮވިޑް19ގެ ސަބަބުން ފުވައްމުލައް ހޮސްޕިޓަލުން ސިއްޙީ ފަރުވާ ހޯދަން އަންނަ ހުވަދު އަތޮޅު މީހުން ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަހުމަދު ސައީދު ވިދާޅުވި ގޮތުގައި ހުވަދު އަތޮޅުގެ ރަށްތަކުން ފުވައްމުލަކަށް އަންނަ މީހުން އިތުރުވެފައިވާ ކަން ފާހަގަ ކުރެވިފައިވުމާއި ގުޅިގެން ހޮސްޕިޓަލުގެ ފަރާތުން، ފުވައްމުލަކަށް ފަރުވާ ހޯދުމަށް ޒިޔާރަތް ކުރަމުން އަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެގޮތުން ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓު ހެއްދުމުގައި އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކުރުމަށް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ވެސް އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެވެން ހުރި ދާއިރާތަކުގެ ޑޮކްޓަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަހުމަދު ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ދާދި ފަހުން ހުވަދު އަތޮޅުގެ ރަށްތަކުގެ ކައުންސިލާއި ފުވައްމުލައް ސިޓީގެ ކައުންސިލުން ވަނީ ސިސްޓަރ އައިލަންޑް ކޮންސެޕްޓް ޕާޓްނަރޝިޕް އެއްގައި ސޮއިކޮށްފައެވެ. މި ޕާޓްނަރޝިޕްގެ ދަށުން 8 ދާއިރާއަކުން އެއް ރަށުން އަނެއް ރަށަށް އެހީތެރިކަން ފޯރު ކޮށްދޭން ނިންމާފައިވާއިރު ސިއްޙީ ދާއިރާވެސް ހިމެނެއެވެ. އެގޮތުން ފުވައްމުލައް ހޮސްޕިޓަލުގެ ލޮލުގެ ޙާއްސަ ޑޮކްޓަރ ވަނީ މި ހަފްތާ ތެރޭގައި ހުވަދު އަތޮޅުގެ ދެ ރަށަކަށް ޒިޔާރަތްކޮށް ބަލި މީހުން ބަލައިފައެވެ.

ފުވައްމުލައް ހޮސްޕިޓަލުން އަންނަނީ ފުވައްމުލައް ސިޓީ ކައުންސިލް އަދި ހުވަދު އަތޮޅު ކައުންސިލާއި އެކު ސިއްޙީ ދާއިރާއިން ދެވެން ހުރި އެހީތެރިކަމާއި މެދު މަޝްވަރާ ކުރަމުންނެވެ.