English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ކުނިގޮނޑު ސަރަހައްދުގައި މިވަގުތު ޖަމާކޮށްފައި ހުރި ކުނި ހުސްކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަަކީ ކުނި ރަށުން ބޭރު ކުރުމަށް ބޭނުންވާ ދަތުރުފަތުރު ދަތިވުން ކަމަށް ވެމްކޯ ފުވައްމުލައް ގެ މެނޭޖަރ އަބްދުﷲ އަފީފް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 ގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތި ތަކުގެ ސަބަބުން ރަށުން ބޭރު ކުރަންޖެހޭ ކުނީގެ ބާވަތްތައް ބޭރު ކުރުމުގައި ދަތި ތަކެއް ދިމާވެފައިވާ ކަމަށް އަފީފު ވަނީ ވިދާޅުވެފައެވެ. ކުނިގޮނޑަށް ޖަމާވެފައި ހުރި ގިނަ ކުންޏަކީ ވެމްކޯ އިން އެތަނާއި ހަވާލުވި އިރުވެސް ހުރި ކުނި ތަކެއް ކަމަށާއި އެހެން ނަމަވެސް މިހާތަނަށް ގިނަ ކުނި ރަށުން ބޭރު ކުރެވިފައިވާ ކަމަށްވެސް އަފީފު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ކުނި ރަށުން ބޭރު ކުރުމުގައި ގިނަ ފަރާތްތަކަކުން ހިލޭ ސާބަހަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަންވެސް އަފީފުވަނީ ވިދާޅުވެފައެވެ. ފުވައްމުލައް ސިޓީ ކައުންސިލުގެ އެހީތެރިކަމާއި އެކު މިހާރުވެސް ރަށުގައި ހިންގަމުން އަންނަ ޕްރޮޖެކްޓު ތަކަށް މުދާ ގެންނަ ބާޖު ތަކުން ކުނި މިހާރުވެސް އަންނަނީ ވެމްކޯގެ ފަރާތުން ރަށުން ބޭރު ކުރަމުންނެވެ.

އަފީފު ވިދާޅުވި ގޮތުގައި ވެމްކޯ އިން ކުނި ނައްތާލުމުގެ ބަދަލުގައި ގަބޫލުކުރަނީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުނި އަލުން ބޭނުންކުރެވޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ. އެގޮތުން ކުނި މަދު ކުރުމުގެ ގޮތުން މިހާރުވެސް ތަފާތު ކަންތައްތަކެއް ކުރެވިގެން ދާ ކަމަށް އަފީފުވަނީ ފާހަގަކުރައްވާފައެވެ. އަފީފު ވިދާޅުވި ގޮތުގައި ކުނި ގޮނޑަށް ޖަމާކުރެވޭ ގަސްތަކުގެ ބައިތައް އަދި ކާބޯތަކެތީގެ ތެރެއިން އުކާލެވޭ ބާވަތްތަކުން ގަސްކާނާ މިހާރުވެސް އެކުންފުނިން އަންނަނީ ތައްޔާރު ކުރަމުންނެވެ. އަދި ޕްލާސްޓިކް ފުޅި، ދަޅު ފަދަ ތަކެތި ދެވަނަ ފަހަރަށް ބޭނުން ކުރެވޭނެ ގޮތަކަށް ސާފު ކުރެވި ވިއްކުމަށްޓަކައި ޝޯރޫމް އެއް ޤާއިމު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ ކަމަށް އަފީފު ވަނީ ހާމަކޮށްފައެވެ.

އަފީފު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ވެމްކޯ އަކީ ކުންފުންޏެއްގެ ގޮތުގައި އަދި ވަރަށް ހަގު ކުންފުންޏެއް ކަމަށާއި އެހެން ނަމަވެސް ރައްކާތެރި ގޮތުގައި ކުނި ނައްތާލުން އަދި އަލުން ބޭނުން ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަށް މިހާރުވެސް އެކުންފުނިން އަންނަނީ ގިނަ ހޭދަތަކެއް ކޮށް އަމަލީ ގޮތުން ގިނަ ކުރިއެރުން ތަކެއް ހޯދާފައެވެ.

ފުވައްމުލައް ސިޓީގެ ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރެވެނީ ކޮވިޑް19ގެ ބަލިމަޑުކަމަށް ލުޔެއް ލިބުނުހާ އަވަހަކަށް ކަމައްވެސް އަފީފު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިވަގުތު ޖަމާވެފައި ހުރި ކުނިތައް އެތަނުން ހުސް ކުރުމަށް ފަހު ދެން އެ ރަށުގައި އުފެދޭ ކުނި ރަށުގައި މެނޭޖް ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އަފީފު ވަނީ ވިދާޅުވެފައެވެ.

ވެމްކޯ ފުވައްމުލައް ގެ ފަރާތުން ހާމަ ކުރި ގޮތުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ކުނި ނައްތާލުމުގައި ވަރަށް ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ. އެގޮތުން ކުނި ނައްތާލުމުގައި ކުނި ވަކި ކުރުމާއި ކުނި އުފެދޭ މިންވަރު މަދު ކުރުމުގައި ރަށުގެ ރައްޔިތުންގެ އެހީތެރިކަން ލިބޭ ކަމަށްވެސް އެފަރާތުން ވަނީ ފާހަގަކޮށްފައެވެ.