English Edition
Dhivehi Edition

އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓް ކުރުމަށްޓަކައި ޖަޕާނު މަތިން ފޮނުވާލި މައްސަލައިގައި އ.ދ. އިން އެކަން ކުށްވެރި ކޮއްފިއެވެ.

އުތުރު ކޮރެއާއިން މިސައިލް ޓެސްޓާއި ގުޅިގެން ބުނެފައިވަނީ އެއީ އެމެރިކާ އަދި ދެކުނު ކޮރެއާއިން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ. އަދި މީގެ އިތުރުން ޕެސިފިކް ސަރަހައްދުގައި އޮންނަ އެމެރިކާގެ ދަށުގައިވާ ގުއާމް ‘ކޮންޓްރޯލް’ އެބައޮތްކަން ދެއްކުމަށް ކަމުގައެވެ.

މިއީ ސިދާ އުތުރު ކޮރެއާގެ ވެރިރަށް ކަމަށްވާ ޕްޔޮންގްޔެންގް އިން މިސައިލް ޓެސްޓު ކުރުމަށް އިރުޝާދު ދިން ފުރަތަމަ ފަހަރެވެ. އުތުރު ކޮރެއާގެ ރަސްމީ ނިއުސް އެޖެންސީ އިން ބުނެފައިވަނީ މިއީ ކިމްގެ ސީދާ ބެލުމުގެ ދަށުން ދާ ކަމެއް ކަމުގައެވެ. އަދި ކިމް ޖޮންގް އުންް އާއި ހަވާލާދީ ބުނެފައިވަނީ މިފަދަ ޓެސްޓު ތައް ޕެސިފިކް ސަރަހައްދުގައި ކުރިއަށް އޮތްތާ ކުރުމުގެ ވިސްނުން އެބަހުރި ކަމުގައެވެ.

ފަނަރަ މެންބަރުންގެ މައްޗަށް އެކުލެވޭ އ.ދ. ގެ ސަލާމަތާ ބެހޭ މަޖިލީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުތުރު ކޮރެއާއިން ސަރަހައްދުގެ ހަމަޖެހުން ނަގާ ނުލުމަށާއި އަދި އ.ދ. ހުރިހާ ގައުމަކަށްވެސް އުތުރު ކޮރެއާއި މެދު އ.ދ. އިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަށް ތަންފީޒު ކުރުމަށެވެ.

ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އޮތް ދެ ގައުމު ކަމަށްވާ ރަޝިއާ އަދި ޗައިނާއިން ބުނެފައިވަނީ އުތުުރު ކޮރެއާއި މެދު ފިޔަވަޅު އަޅައިގެން މައްސަލަ ހައްލު ނުކުރެވޭނެ ކަމުގައެވެ. އަދި މައްސަަލަ ހައްލު ކުރުމަށް، އެމެރިކާއިން ދެކުނު ކޮރެއާގައި އަޅަމުންދާ މިސައިލުން ދިފާއު ވުމުގެ ނިޒާމުގެ މަސައްކަތް ހުއްޓާލުމަށް އެ ދެގައުމުން ގޮވާލައެވެ.

ސަލާމަތީ މަޖިލީހުގެ ބަޔާނާ ގުޅިގެން ޖަޕާނުން ބުނެފައިވަނީ މި ބަޔާނާ ގުޅިގެން އަވަސް ފިޔަވަޅު ތަކެއް އެޅުމަށް އުއްމީދު ކުރާ ކަމުގައެވެ. ޗައިނާ އިން ބުނެފައި ވަނީ ވަކި ގައުމަކާ މެދު ފިޔަވަޅު އެޅުމަކީ އެ ފިޔަވަޅެއް އަޅަން ނިންމާ ގައުމަކުން ކުރާ ކަމެއް ކަމުގައެވެ. އަދި އެއީ ދުނިޔޭގެ ފެންވަރުގައި ކުރަންޖެހޭ ކަމެއް ނޫންކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އުތުރު ކޮރެއާއިން އަންގާރަ ދުވަހު ފޮނުވާލި މިސައިލަކީ އެއްވެސް ހާލެއްގައި އަސްކަރީ ވިސްނުމެއްގައި ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިއީ އެމީހުންނަށްވެސް ބޭނުމީއްޔާ ކަންކަން ކުރެވޭނެ ކަން އަންގާލީ ކަމުގައެވެ. އުތުރުން ކޮރެއާއިން ބޭނުންވަނީ ދެކުނު ކޮރެއާ އަދި އެމެރިކާގެ އަސްކަރީ ފަރިތަކުރުންތަށް ހުއްޓުވުމަަށް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.