English Edition
Dhivehi Edition

އެމެރިކާގެ ގިނަ ސްޓޭޓްތަކަށް ހަމަލާ ދިނުމުގެ ޤާބިލިއްޔަތުކަން އުތުރުކޮރެއާއަށް ލިބިފައިވައިވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ދެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އެދެބޭފުޅުން މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އުތުރު ކޮރެއާއިން ‘އައި.ސީ.ބީ.އެމް’ މިސައިލްތަކެއް ޓެސްޓު ކޮށްފައި ވަނިކޮށެވެ. އުތުރު ކޮރެއާއިން ބުނެފައިވަނީ އެމީހުންގެ މި ޓެސްޓުތައް ކާމިޔާބުވެފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެމެރިކާގެ ދިފާއީ އިދާރާއިން ރަސްމީކޮށް މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޕެންޓަގަނުން ވިދާޅުވެފައިވަނީ ޓެސްޓުތަކާ ބެހޭގޮތުން އެތަނުން ކޮށްފައިވާ ދިރާސާގެ ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެންޓަގަންގެ ތަރުޖަމާނު ނޭވީ ކެޕްޓަން، ޖެފް ޑޭވިސް ވިދާޅުވީ އުތުރު ކޮރެއާގެ އެ މިސައިލަކީ ‘އައި.ސީ.ބީ.އެމް’ އެއް ގޮތުގައި ގަބޫލްކުރާ ވަރަށް އެ މިސައިލް ދަތުރު ކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެމެރިކާގެ ދެ އޮފިޝަލުން އިތުރަށް ވިދާޅުވެފައިވަނީ އުތުރު ކޮރެއާއިން މިފަދަ ހަތިޔާރު އުފެއްދި ކަމުގައިވިއަސް އެމީހުން އަދި ހަމަލާ ދިނުން ދުރުކަމަށެވެ. އުތުރު ކޮރެއާގެ ބޭނުމަކީ މިވަގުތު އެގައުމުގެ ރަސްމީ ހައިސިއްޔަތު ގާއިމް ކުރުމަށް އެދެބޭފުޅުން ވިދާޅުވިއެވެ. އަދި އެގައުމަކީ ވެސް ބާރުގަދަ ގައުމެއްކަން ސާބިތުކޮށްދިނުމަށް އެގައުމުގެ ލީޑަރު ބޭނުންފުޅުވާ ކަމަށްވެސް އެ ދެބޭފުޅުންވަނީ ވިދާޅުވެފައެވެ.