English Edition
Dhivehi Edition

ކޮރެއާ ސަރަހައްދުގައި ހަނގުރާމަވެރި ހަމަލާތަކެއް ދިނުމަށް އެއްވެސް ބަޔަކައް ފުރުސަތު ނުދެއްވާނެ ކަމަށް، ދެކުނު ކޮރެއާގެ ރައީސް މޫން ޖޭއިން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ގައުމާ މުހާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ދެކުނު ކޮރެއާގެ ރައީސް ވިދާޅުވެފައި ވަނީ އެއްވެސް ބަޔަކަށް ކޮރެއާ ސަރަހައްދުގައި، ދެކުނު ކޮރެއާގެ ބަހެއް ނެތި ހަނގުރާމަވެރި އަމަލެއް ހިންގުމުގެ ފުރުސަތެއް ނެތްކަމަށެވެ. ދެކުނު ކޮރެއާގެ ރައީސް މިހެން ވިދާޅުވެފައި މިވަނީ އެމެރިކާއަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ދެކުނު ކޮރެއާގެ ރައީސް އިތުރަށް ވިދާޅުވެފައި ވަނީ އެ ސަރަހައްދުގައި ހަނގުރާމައެއް ނުފެށުމަށް އެ ގައުމުން ކޮންމެ ފަދަ ޤުރުބާނީ އެއް ވާން ޖެހުނަސް ވާން ތައްޔާރަށް އޮތް ކަމަށެވެ. އަދި އެގައުމުން ހަންގުރާމަ ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވަނީ އުތުރު ކޮރެއާއިން އެއްވެސް ހަމަލާއެއް ދީފިނަމަ މަޑުން ނުތިބޭނެ ކަމަށާއި ފުރިހަމަ ބާރުގައި ރައްދު ދޭނެ ކަމަށް އުތުރު ކޮރެއާއަށް އިންޒާރު ދީފައެވެ. މިފަދަ ހަމަލާއެއް ދީފިނަމަ ކޮރެއާ ސަރަހައްދުގައި ހަނގުރާމައެއް ފެށުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާއާއި އުތުރު ކޮރެއާއި ދެމެދު ނުތަނަވަސްކަން އުފެދިފައި މިވަނީ އުތުރު ކޮރެއާއިން ނިއުކްލިއާރ ހަތިޔާރު ތައްޔާރު ކުރުމާއި، އަދި އެގައުމުން ދުރު ރާސްތާ މިސައިލްތަކެއް ޓެސްޓު ކުރުމާއި ގުޅިގެންނެވެ. މިކަމާ އުތުރު ކޮރެއާއި މެދު އެމެރިކާއިން ވަނީ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް އަޅާފައެވެ. އަދި މި ދެގައުމު ދެމެދު ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑު ވެފައެވެ.

އުތުރު ކޮރެއާއިން ވަނީ އެމެރިކާގެ ބެލުމުގެ ދަށުގައި އޮންނަ ގުއާމް އަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް އެމެރިކާއިން އަމަލު ކުރާނެ ގޮތަކަށް އަދި ބަލާނެ ކަމަށް އެގައުމުން ވަނީ އަންގާރަ ދުވަހު ވަނީ ބުނެފައެވެ. އެމެރިކާއިން ބުނެފައިވަނީ އުތުރު ކޮރެއާއިން މައްސަލަ ހައްލުކުރުމަށް ބޭނުމީއްޔާ ވާހަކަ ދެއްކުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ކޮރެއާ ސަރަހައްދުގައި ހަނގުރާމައެއް ފެށިއްޖެނަމަ މިކަމުގެ އަސަރު ދެކުނު ކޮރެއާއަށް ވެސް ކުރާނެއެވެ. އުތުރު ކޮރެއާއިން ނިއުކްލިއާރ ހަމަލާއެއް ހަނގުރާމައިގައި ދީފިނަމަ އެކަމުގެ ރައްދު އެމެރިކާއިން ދޭނެ ކަމަށް ބުނެފައި ވާއިރު ދެ ގައުމު ދެމެދުގައި ނިއުކްލިއާރ ހަނގުރާމައެއް ފެށުމަކީ އެކަށީގެންވާ ކަމެކެވެ.