English Edition
Dhivehi Edition

އަހަރެން ޖިންސީ ގޯނާގެ ޝިކާރަކަށްވީ އުމުރުން އެންމެ 13 އަހަރުގައެވެ. އަދިވެސް އިންސާފެއް ނުލިބޭ. މި ވޭނުގަ އުޅުން ނޫން ގޮތެއް ނެތެވެ.” މިއީ ޖިންސީގޯނާގެ ޝިކާރައަކަށް ވި އަންހެނެއްގެ ތަޖުރިބާއެވެ. އޭނާގެ ވާހަކައެވެ.

“އެ ހިތްދަތި ހަދާން އާވުމުން ރޮވެއެވެ. މި އަދިރި ހަގީގަތް އެގުމުން އަހަންނާއި އަގައިން ބުނަން ބޭނުންވާ މީހަކު ނެތެވެ. ކޮންމެ މީހަކުވެސް ލޯ އަޅާފަ،މަލާމާތް ކޮށްފައިދަނީ މި ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ އަހަންނޭ ބުނާފަދަ ގޮތަކަށެވެ.

އެ ބިރުވެރި ހާދިސާ ހިނގިތާ އެތައް އަހަރެއްވެއްޖެއެވެ. އެހެންނަމަވެސް އަހަރެންނަށް އެ އުދަނގޫތަކުން އަރައެއް ނުގަނެވެއެވެ. އެ ހަނދާންތައް ހިތަށް ވެރިވުމުން ތުރުތުރު އަޅައި، ކޮޅަށް ހުންނަން ވެސް އުދަނގޫވެ އެވެ. އެ ހާދިސާ ހިނގިއިރު އަހަރެން ކިޔަވަމުން ދިޔައީ ރަށު މަދަރަސާގެ ގްރޭޑް 07 ގައެވެ. އާއިލާގައި އަހަރެންގެ އިތުރުން 05 ކުދިން ތިބި އިރު ބައްޕަ މަސައްކަތްކުރަމުން ދިޔައީ ރިސޯޓެއްގައެވެ. އަހަރެމެންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ހަވާލުވެގެން ހުރީ މަންމައެވެ. މަންމައާއި ބައްޕަގެ އެންމެ ބޮޑު އުއްމީދަކީ އަހަރެމެން ކިޔަވައިގެން މޮޅު މީހަކަށް ވުމެވެ. ސްކޫލްގައި ކިޔަވާ އެއްޗަކަށްވުރެ އިތުރު އެއްޗެހި ދަސްކޮށްދިނުމަށް މަންމަ އަހަރެން ޓިއުޝަނަށް ފޮނުވަން ފެށީ އަހަންނަކީ އާއިލާގެ އެންމެ ދޮށީކުއްޖާކަމުން އަހަންނަށް ރަގަޅު ގޮތެއް މެދުވެރިވެއްޖެނަމަ މަންމަމެންނަށްވެސް ލުއި ފަސޭހަވާނެތީއެވެ.

އަހަރެން ޓިއުޝަން ކްލާހަށް ދާންފެށިއިރު އިތުރު ދެ ކުއްޖަކުވެސް އެ ކްލާހަށް ދެއެވެ. އަހަރެން ޓިއުޝަނަށް ދާންފެށި ފުރަތަމަ ދުވަހުން ފެށިގެންވެސް މުދައްރިސްގެ ހާއްސަ ސަމާލުކަމެއް އަހަންނަށް ލިބޭކަން ފާހަގަކުރެވުނެވެ. އެކަމާ އުފާވެސް ވިއެވެ. އެހެންނަމަވެސް އެ ހާއްސަކަމަކީ އަހަންނަށް ހުރި ނުރައްކަލެއްކަން އޭރު އަހަންނަށް އިހުސާސްވެފައެއް ނެތެވެ. ކޮންމެ ރެއަކު އެހެން ކުދިން ގެއަށް ފޮނުވުމަށްފަހުވެސް އަހަންނަށް އިތުރު އެއްޗެހި ބުނެދިނުމަށް މަދައްރިސް އަހަރެން މަޑުކުރުވައެވެ.

އެ ބިރުވެރި ހާދިސާ ފެށުނު ރެއަކީވެސް އެފަދަ ވިއްސާރަ ރެއެކެވެ. ހުރިހާ ކުދިން ގެއަށް ދިއުމާއެކު މުދައްރިސް ކްލާސް ތަޅުލުމުން އަހަންނަށްވެސް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އެއަށްވުރެ ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ މުދައްރިސްގެ އަމަލުތައް ހުރި ގޮތުންނެވެ. އަހަރެން އެހެން ނުހެދުމަށް ރޮއި އާދޭސްކުރީމެވެ. އެހެންނަމަވެސް އެ އަޑު އޭނާއަކަށް ނުއިވުނެވެ. “މި ވާހަކަ ބުނެފިނަމަ ބޭޒާރުވަނީ ލިއުޝާގެ އާއިލާ. އަހަރެންނަކީ ކިހާ ބާރު ގަދަ މީހެއްކަން ލިއުޝައަށް އެގޭނެ. އަހަރެން ބޭނުންނަމަ ސްކޫލުންވެސް ކަނޑާލެވޭނެ” އޭނާ ބޭނުންކަންތައް ހާސިލްވުމުން އޭނާގެ ބާރުގަދަކަން ހާމަކޮށްލީ ފަހުރުވެރިކަމާއެކުގައެވެ.

އެ ބިރުވެރި ރެއަށް ފަހު އަހަރެން ޓިއުޝަނަށް ދާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވީ ގެއިން ނުނިކުމެ އޮންނާށެވެ. މަންމަ އާއި އެ ވާހަކަ ހިއްސާކުރާށެވެ. އެހެންނަމަވެސް އެ ބިރުވެރި އިންޒާރާއެކު އެފަދަ ހިތްވަރެއް އަހަންނަށް ނުލިބުނެވެ. އަހަރެން ޓިއުޝަނަށްދާން ބޭނުން ނުވިޔަސް މަންމަ އަހަރެން ގަދަކަމުން ފޮނުވައެވެ. އޭނަ ބޭނުންވާ ކޮންމެ ރެއަކު އަހަންނަށް އެ އަނިޔާތައް ތަހައްމަލުކުރަން ޖެހެއެވެ. އެންމެ ފަހުން އެކަން ނިމިގެން ދިޔައީ އަހަރެން ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

އަހަރެން ބަނޑުބޮޑުކަން އަހަންނަށްވެސް އެގުނީ ބަނޑަށް 5މަސްވީ ފަހުންނެވެ. އެ ހަބަރާއެކު މުޅި ރަށުގައި އަހަންނާއި ބެހޭ ގޮތުން އެކި ވާހަކަތައް ދެކެވެން ފެށިއެވެ. ލޯބިވާ އާއިލާ އާއި ހެޔޮއެދޭ ރައްޓެހިން ތިއްބެއެވެ. އެހެންނަމަވެސް އެ އެންމެންގެ އާޅާލުމާއި ލޯބި ބޭނުންވި ދުވަހު އަހަރެން ބާކީވީއެވެ. އަހަރެން ދެއްކި ވާހަކަ އަޑުއަހާނެ އެއްވެސް މީހަކު ނެތެވެ. އަހަރެން އެ އަދިރި ސިއްރު ހާމަކުރުމުން 9 މަސް ވަންދެން ބަނޑުއަޅާ ވިހޭ މައިމީހާވެސް އެ ވާހަކަ ގަބޫލެއް ނުކުރިއެވެ. އަހަރެން މުޅި ރަށަށް ގިނަވެ ބާކީވިއިރު ހަގީގީ ކުށްވެރިޔާ މިނިވަންކަމާއެކު ރަށުތެރޭ އުޅެމުން ދިޔައެވެ. އިންސާފު ނުލިބި ބާކީވެ ބޭޒާރު ވީ އަހަރެންނެވެ. ކިޔެވުން ހުއްޓި ރަށަށް ގިނަވެ އެކަނި ކޮޓަރިއެއްގައި ބިއްޖެހިފައި ދުނިޔޭގެ ލަދަށް އޮތް އަހަންނަށް އެހީވި އެއްވެސް މީހަކު ނެތެވެ. އެންމެ ބޭނުންވި ދުވަހު އެންމެން އަހަރެންނާއި ދެކޮޅުވެރިވީއެވެ. އަހަންނަށް އިންސާފު ހޯދައި ދިނުމުގެ ބަދަލުގައި، އެއްވެސް މީހަކު އެ ވާހަކަ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އަހަންނަށް އިންސާފެއް ނުލިބުނެވެ.

ކާކުގެ ނަސީބެއްކަމެއް ނޭގެއެވެ. އަހަރެން ވިހެއި އިރު ދަރިފުޅު އޮތީ މަރުވެފައެވެ. އަހަރެންގެ ދަރިފުޅާއެކު އަހަރެންގެ އުއްމީދުތައްވެސް ވަޅުލައިފީމެވެ. އެހެންނަަމަވެސް ވަޅު ނުލެވުނު ހިތި ހަގީގަތަކީ އަހަރެންގެ އަދިރިި މާޒީއެވެ. އަހަރެންގެ އުމުރުން 35 އަހަރުވެފައިވާއިރު އަދިވެސް އަހަރެން މިހިރީ ފަސްބައިގައި ޖެހުނު ލަތްގަނޑާއެކު މީހަކާއި ހަތަރުކަޅި ހަމަކޮށްލަންވެސް ނުކެރިފައެވެ.މިތަނުގައި އަހަރެންގެ ރައްޓެއްސެއް ދަންނަ މީހެއް އާއިލާއެއް ނެތެވެ. ދޮރު މައްޗަށް ނިކުމެލާ މަދު ފަހަރެއްގައިވެސް އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތް މީހާ ފެނުމުން އަހަރެންގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު އާވެގެން ދެއެވެ. އެހެންނަމަވެސް އެ މުސްކުޅި ހާލުގައިވެސް އޭނާގެ ވިހަ ނަޒަރު އަހަންނަށް އަމާޒުވާކަން އެގުމުން އަހަރެން ފަސްޖެހި ލޮލުން ކަރުން އޮހޮރިގެންދަނީ އަހަރެންގެ ނިކަމެތިކަން އިހްސާސްވުމުންނެވެ.

އަހަންނަށް ވަރަށް ގިނައިން އަޑުއިވެއެވެ. ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުން ބޮޑުކުށަކަށް ހަދަން ގާނޫނަށް ބަދަލުގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވާހަކައެވެ. އެހެންނަމަވެސް އިންސާފަކީ ލިބެން ނެތް އެއްޗެއްކަން އަހަންނަށް ޔަގީނެވެ. ނިކަމެތި މީހާއަށް ނިކަމެތި ގޮތެވެ، މޮޅުމީހާ އަށް މޮޅުގޮތެވެ. ބޮޑެތި ކުށްވެރިން ޓައި އަޅައިގެން ފިނިކޮޓަރީގައެވެ. އިންސާފު މިއަދު ނުލިބުނަސް ދެރައެއް ނުވެއެވެ. މާދަމާއެއްވެސް އެބައޮތެވެ. އެ ދުވަހުކުން އިންސާފުގެ ކުރިމައްޗަށް އަންނަން މަޖުބޫރުވާނެއެވެ. އެއީ ހުރިހާ ހަގީގަތެއް އެގިގެންދާނެ ދުވަހެވެ.