English Edition
Dhivehi Edition
ރުގްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެ، އެކަކު 25 އަހަރަށް އަދި އަނެކަކު ހަ އަހަރަށް ޖަލަށް ލުމަށް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްއާއި އެ ރަށު މިރިހިމާގެ އިސްމާއީލް ވަހީދުގެ މައްޗަށެވެ.

މީގެ ފަސް އަހަރު ކުރިން، 2020 ވަނަ އަހަރުގެ ތެރޭގައި ހިންގި މި ޖަރީމާގައި އަނިޔާ ލިބިފައިވަނީ އަންހެނަކާއި 18 އަހަރު ނުފުރޭ ތިން ކުދިންނަށެވެ. ރުގްޔާ ކުރުމުގެ ނަމުގައި އެ މީހުންނަށް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ތަހުގީގަށް ވަނީ ހާމަވެފައެވެ. މި މައްސަލައިގެ ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ.

މި މައްސަލައިގައި އެންމެ ބޮޑު ހުކުމެއް އައީ މުހައްމަދު އަސީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލި 12 ދައުވާއެއް ސާބިތުވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމާއި، ޖިންސީ ގޯނާކުރުމާއި، ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުން ހިމެނެއެވެ. މި ކުށްތަކާ ގުޅިގެން އޭނާ 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

އިސްމާއީލް ވަހީދުގެ މައްޗަށް ސާބިތުވީ ކުޑަކުއްޖަކާމެދު އިހުމާލުވުމާއި، އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ ރިޕޯޓް ނުކުރުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުން ފަދަ ކުށްތަކެވެ. މި ކުށްތަކުގެ އަދަބެއްގެ ގޮތުން އޭނާ ހަ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.