English Edition
Dhivehi Edition
ރަޝިޔާ އިން އެތެރެކުރި ފިނިކުރި ބޯވަދިލަމަސް ޕެކެޓުން ވައިރަސް ފެނިފައިވާކަމަށް ޗައިނާ އިން ވަނީ ބުނެފައި.

ރަޝިޔާ އިން އެތެރެކޮށްފައިވާ ބޯވަދިލަމަހުގެ ޕެކެޓުގެ ބޭރުން ނެގި ސާމްޕަލް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް ޗައިނާގެ ޖިލިން ޕްރޮވިންސްގެ ސިއްހީ އިދާރާއިން ބުނެފިއެވެ.

މީގެކުރީން، ބްރެޒިލުން ޗައިނާ އަށް އެތެރެކުރި ފިނިކުރި ކުކުޅު ޕެކެޓުންނާއި، އިކުއޭޑޯ އިން އެ ގައުމަށް އެތެރެކުރި ސީފުޑް ޕެކެޓުގެ ބޭރުން ނެގި ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ވަނީ ބުނެފައެވެ.

ޖިލިން ޕްރޮވިންސްގެ ސިއްހީ ކަމާބެހޭ އިދާރާއިން ނެރެފައިވާ ބަޔާނުގައިވާގޮތުން، އެންމެ ފަހުން ޕޮޒިޓިވްވެފައިމިވާ ފިނިކުރި ބޯވަދިލަމަހަކީ ޗައިނާގެ ކުންފުންޏަކުން ދާދިފަހުން ރަޝިޔާއިން ގެނެސްފައިވާ ޝިޕްމަންޓަކުންނެވެ.

އެކަމަކު މިކަމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ ކާނާގެ ޒަރިއްޔާ އިން ނުވަތަ އޭގެ ޕެކޭޖުން ވެސް ވައިރަސް އެރުމުގެ ފުރުސަތު ހަނި ކަމަށެވެ.

މި ބައްޔަށް މުޅި ދުނިޔޭން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 31.2 މިލިއަނަށް އަރާފައިވާއިރު، 965،199 އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި ކޮވިޑް-19 އިން މުޅީން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 22,839,140 އެވެ.