English Edition
Dhivehi Edition
މާލެ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓްގެ އެގްރީމަންޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ މޭޔަރ ޝިފާ މުޙައްމަދު ވާހަކަދައްކަވަނީ - ފޮޓޯ: ނިޝާން އަލީ (މިހާރު)

މާލޭގެ ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާކުނި މިދުވަސްވަރު ނަގާ އެތަން ސާފުނުކުރެވޭނެތީވެ، ގޮޅިތަކަށް ކުނި ނޭޅުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ގިނަ ޢަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއިގުޅިގެން، ބިދޭސީ ހުރިހާ މުވައްޒަފުން މިހާރު ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެކަމުގެ ސަބަބުން ބިދޭސީ މުވައްޒަފުން ޝާމިލްކޮށްގެންކުރާ ހުރިހާ މަސައްކަތެއް މި ވަގުތު މުޅިން ހުއްޓިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

އެހެންކަމުން ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާކުނި މިދުވަސްވަރު ނަގާ އެތަން ސާފުނުކުރެވޭނެތީވެ، ގޮޅިތަކަށް ކުނި ނޭޅުމަށާއި، ފްލެޓްތަކުގެ ގޯތިތެރެއަށާއި ފުރާޅުތައް މައްޗަށް ކުނިއަޅާ ނުހެދުމަށްވެސް ސިޓީ ކައުންސިލުން ވަނީ އަންގައިފައެވެ.

އަދި ކުނި އުކާލުމަށްޓަކައި ވެމްކޯގައި ރަޖިސްޓްރީވުމަށް ކުރިންވެސް އެންގިފައިވުމާއެކު، މިހާތަނަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީވެ، ވެމްކޯ މެދުވެރިކޮށް ކުނި އުކާލަމުން ގެންދިއުމަށްވެސް ސިޓީ ކައުންސިލުން ވަނީ އަންގައިފައެވެ.