English Edition
Dhivehi Edition
އިންޑިއާގެ ދިއްލީގެ ހޮސްޕިޓަލެއްގައި ބަލި މީހަކަށް ފަރުވާދެނީ. --ފޮޓޯ: ރޮއިޓާސް

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 30 މިލިއަނަށް އަރައިފިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ބަލާޢާފާތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ސިފަކުރާ މި ބަލިމަޑުކަމާ ގުޅިގެން މިހާތަނަށް 947،034 މަރުވި މީހުން މަރުވެފައިވާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މުޅި ދުނިޔޭން 300،000 ލައްކަ އަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މި ބަލީން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 21,794,093 އެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހު އުފަންވި ކޮވިޑް-19ގެ ނުރައްކާ މިހާރު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އިތުރުން އިންޑިއާ އާއި ބްރެޒިލެވެ. ކުރީން ޔޫރަޕްގައި މި ބަލިމަޑުކަމާ ގުޅިގެން ނުރައްކާތެރި ހާލަތަށް ދިޔަ ގިނަ ގައުމުތަކުގައި ބަލިން ކޮންޓްރޯލްވުމާ ގާތަށް ޖެހިލިނަމަވެސް، މިހާރު ބައެއް ގައުމުތަކުގައި މި ބަލީޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިހާތަނަށްއައިއިރު މުޅި ދުނިޔޭން އެންމެ ގިނަ އަދަދެއްގެ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ އެމެރިކާ އިންނެވެ. އެ ގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6.84 މިލިއަނަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ ދެ ލައްކައަށްވުރެ އިތުރުވެފައެވެ.

މިހާރު މި ބަލި އެންމެ ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ އިންޑިއާގެ 5.1 މިލިއަން މީހުން ޕޮޒިޓިވްވެ، 83 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިންޑިއާގައި ވޭތުވެދިޔަ ދެ ދުވަހު އެވްރެޖްގޮތެއްގައި ބަލިޖެހޭމީހުންގެ އަދަދުވެސް އުޅުނީ 90 ހާހަށްވުރެ މަތީގައެވެ. ދެން އެންމެ ހާލަތު ގޯސްކޮށް އުޅޭ ބްރެޒިލުން 4.4 މިލިއަން މީހުންނަށް ބަލިޖެހިފައިވާއިރު، 134،000 އެއްހާ މީހުން ވަނީ މަރުވެފައެވެ.

ޔޫރަޕުން ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ރަޝިޔާގެ މިލިއަނެއްހާ މީހުން ޕޮޒިޓިވްވެ، 19،061 މީހުން ވަނީ މަރުވެފައެވެ. މީގެކުރީން، މި ބަލި ކޮންޓްރޯލްކުރެވިފައިވާ ގައުމުތަކުގެ ތެރޭގައި ސްޕެއިނުގައި އަލުން ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިހާތަނަށް އެ ގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 614،360 އެވެ. އަދި އެ ގައުމުގައި ވޭތުވެދިޔަ ދެ ދުވަހު އެވްރެޖްކޮށް ބަލިޖެހޭ މީހުންގެ އަދަދު އުޅުނީ ނުވަ ހާހަށްވުރެ މަތީގައެވެ.

އެފްރިކާ ބައްރުން މި ބަލި މިހާރު އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ދެކުނު އެފްރިކާގެ އިތުރުން މޮރޮކޯގައެވެ. ދެކުނު އެފްރިކާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 650،000 އަށްވުރެ އިތުރުވެ، މަރުވި މީހުންގެ އަދަދު ވަނީ 15 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. އަދި މޮރޮކޯ އިން 92 ހާހެއްހާ މީހުން ޕޮޒިޓިވްވެ، 1،686 މީހުން ވަނީ މަރުވެފައެވެ. ކުރީން މި ބަލި އެންމެ ބޮޑަށް ފެތުރެމުންދިޔަ އެއް ގައުމު ކަމަށްވާ މިސްރުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 101،500 އެވެ. އަދި އެ ގައުމުގައި މިހާރު އެވްރެޖްކޮށް ދުވާލަކު އަލަށް ބަލިޖެހޭ މީހުންގެ އަދަދު އުޅެނީ 200 އަށްވުރެ ދަށުގައެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ކޮވިޑް-19ގެ ނުރައްކާ މިހާރު ބޮޑުވެފައިވާއިރު، މިހާތަނަށް އައިއިރު 9,494 އެއްހާ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 33 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލީން ރަނގަޅުވި މީހުންގެ އަދަދަކީ 8,033 އެވެ.