English Edition
Dhivehi Edition
ފޮޓޯ: އެފް އެންޑް އޭ ބޭކަރީ އެންޑް ކެފޭ

“އެންމެ ކަމުދިޔައީ މުޅިން ދިވެހި، ރަށުގެ މޫނުތައް ހިދުމަތް ދިނުމުގައި އުޅުނީމަ، ކާއެއްޗެހި ވަރަށް މީރު، އަގާއި ބަލާފައި ހަމަ ވަރަށް ކަމުދޭ”، ފުވައްމުލައް ސިޓީގައި ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ހުޅުވުނު އެފް އެންޑް އޭ ބޭކަރީ އެންޑް ކެފޭ އިން ނިކުތް މީހަކު ކިޔައިދިނެވެ. އަޅުގަނޑުވެސް ހަމަ އެ ރެސްޓޯރަންޓަށް އައީ އެ މީހާ އެ ކިޔައިދިން ސަބަބުތައް ގާތް ރައްޓެއްސެއް ކިޔައިދިނުމުން އަޖުމަ ބަލާލުމަށެވެ.

ރެސްޓޯރަންޓަށް ވަނުމާއި އެކު ވަރަށް ތަފާތުކަމެއް ފާހަގަކުރެވުނެވެ. ރަށުގައި މަދުން ނޫނީ ނުފެންނަ ކަމެކެވެ. ހީނލުމަށް ފަހު އިށީނނުމަށް ތަފާތު ތިން ސަރަހައްދެއް ދެއްކިއެވެ. ރެސްޓޯރަންޓުގެ އޭސީ ބައި، ބޭރުގައި ހުރި މޭޒުތައް އަދި މަތީ ޓެރަސްއެވެ. ތަފާތުވީ ސަބަބު ބުނެދާނަމެވެ. އާންމު ގޮތެއްގައި ގިނަ ތަންތަނުން އިށީންނާނެ ތަނަކާއި މެދު ވިސްނާ ނިންމަނީ އަމިއްލައަށެވެ. މިތަނުގެ މުވައްޒަފުން އެކަމަށް އެހީތެރިވިއެވެ.

ރެސްޓޯރަންޓުގެ ޓެރަސްގައި އިން މޭޒެއް ކައިރީ އިށީނދެ ހަމަޖެހިލެވުނު އިރު ފެންފުޅިއާއި ތަށި މޭޒުމަތީގައި ބެހެއްޓިފައި ހުއްޓެވެ. ކޮންކަހަލަ ޙިދުމަތެއް ތޯ ބޭނުންވަނީ ބުނެލުމުން ކަޅު ކޮފީ އެކޭ ބުނެލުމަށް ފަހު މެނޫ ގެނެސްދިނުމަށް އެދުނީމެވެ. މެނޫ ގެންނަންދެން މަޑުކޮށްލައިގެން ހުރި ވަގުތު ހުރެވުނީ އެތަނުގައި ހުރިއިރު ފެންނަން އޮތް ފުވައްމުލައް ޖަމާލުއްދީން ނައިބު ތުއްތު މަގު (ތާރު މަގު)ގައި ދުއްވައިފައިދިޔަ މީހުންގެ ހަރަކާތްތަކަށް ކަޅި ހުއްޓިފައެވެ. މެންދުރުގެ އަވި ދިން ކަމުގައިވިޔަސް އެތަން ހަގީގަތުގައިވެސް ވަރަށް ހިތްގައިމެވެ.

މެނޫ ލިބުމުން ބަލާލިއިރު ވަރަށް ހިތްހަމަޖެހުނު ކަމެއް ފާހަގަ ކުރެވުނެވެ. އަގަށް ވުރެން ލިބެން ހުރި ކާއެއްޗެހީގެ އަދަދު ގިނަ ވެފައި ވައްތަރުތައް ގިނަ ވުމުން ހަގީގަތުގައިވެސް ވަރަށް އުފާވިއެވެ. ސްޕެގެޓީ، ޕާސްތާ، ނޫޑްލްސް، އިންޑިއާގެ ކާއެއްޗިހި އަދި ސެލެޑް ފަދަ ތަކެތިވެސް ހުއްޓެވެ. ވެއިޓަރަށް ގޮވާލުމަށް ފަހު އެންމެ ރަނގަޅީ ކޯއްޗެއްތޯ ސުވާލު ކޮށްލީމެވެ. އިޓަލީގެ ކެއުންތައް ކަމުގައިވާ ޕާސްތާ އަދި ސްޕެގެޓީ ވަރަށް މީރުކޮށް ތަނުގެ ކައްކާ ތައްޔާރުކޮށްދޭ ކަމަށް ބުންޏެވެ. އަދި ބިރިޔާނި އަކީ ކައްކާގެ އެންމެ މަޝްހޫރު ކެއްކުން ކަމަށްވެސް ބުންޏެވެ.

ރެސްޓޯރަންޓުން ތަފާތު އެހެން ކަމެއް ފާހަގަވިއެވެ. ތަނުގެ ނަމުގައިވާ ގޮތައް އެ ތަނުގައި ބޭކަރީއެއްވެސް ހުރެއެވެ. ކޮންމެވެސް ވަރަކަށް ހޯދާލި މައުލޫމާތުން އެނގުނު ގޮތުގައި ރެސްޓޯރަންޓުގެ ވެރިން ބޭކަރީ ހިދުމަތް ދެމުން އަންނަތާ މިހާރު 7 އަހަރު ވެއްޖެއެވެ. އެ ބޭކަރީއިން މިހާރުވެސް އަންނަނީ ފުވައްމުލަކުގެ ގިނަ ރެސްޓޯރަންޓު ތަކަށް ޕޭސްޓްރީގެ އެކި ބާވަތްތައް ވިއްކަމުންނެވެ. އެހެންވީމާ ތަނުގައި ލިބެން ހުރި ޕޭސްޓްރީގެ ބާވަތްތައް ތާޒާ ވެފައި މީރުވާނެ ކަމާއި މެދު ސުވާލު އުފެއްދުމުގެ އެއްވެސް ބޭނުމެއް އަޅުގަނޑަކަށް ނުފެނެއެވެ.

ރެސްޓޯރަންޓު ހިންގުމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ އެ ތަނުގެ ވެރިން ދިން ޔަގީންކަމެއް އެބައޮތެވެ. ތަނުގެ ފެންވަރު ރަނގަޅުވެފައި ރަނގަޅު ޙިދުމަތެއް އެ ފަރާތުން ދޭނެއެވެ. އެތަނުން ޙިދުމަތް ހޯދާ ފަރާތްތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ އިރު ޙިދުމަތް ހޯދާ ފަރާތްތަކުގެ ފާޑު ކިޔުންތަކާއި އެއްގޮތަށް ތަނުގެ ޙިދުމަތް އަދި މެނޫ ބަދަލު ކުރަން އެފަރާތުން ތިބީ ތައްޔާރަށެވެ. މިއީ ފުވައްމުލަކުގެ ގިނަ މީހުންގެ ހިތުގައި އެތަނަށް ލޯބި ޖެހި ފެވަރިޓަކަށް ވީ އެއް ސަބަބު ކަމުގައިވެސް ވެދާނެއެވެ.