ފުވައްމުލައް ސިޓީގެ ޗަސްބިން ސަރަހައްދަށް ފަސޭހައިން ދެވޭނެ ފަދަ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ތަރައްގީކުރަން ނިންމައިފައިވާ މަގުގެ ލިޔެކިޔުމުގެ މަސައްކަތްތައް ނިމި މި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެއްޓިގެން ދާނެކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހް ވިދާޅުވި ގޮތުގައި މި މަގު ތަރައްގީ ކުރެވިގެން ދާނީ ފުވައްމުލައް ފުނާޑު އަވަށުގެ ކަށިމާގޯޅިން ޗަކަ ބިމަށް ދެވޭ ގޮތަށެވެ. އެގޮތުން މަގު ހެދިގެން ދާނީ ފުވައްމުލައް ފުނާޑު ކަށިމާގެ އާއި ކުޅީމަގުގެ އާއި ދެމެދުން ކަމަށްވެސް މަސީހް ވަނީ ވިދާޅުވެފައެވެ. މަގު ތަރައްގީ ކުރެވިގެންދާއިރު އެ މަގުގައި ޗަސްބިމަށް ގޮސްފައި އަންނަ ފަރާތްތަކުން ފެންވަރާ ސާފު ވުމަށް ސަރަހައްދެއް ވެސް ހެދިގެން ދާނެ ކަމަށް މަސީހް ވަނީ ވިދާޅުވެފައެވެ.
މަސީހް އިތުރަށް ވިދާޅުވެފައިވަނީ މަގު ތަރައްގީ ކުރުމުގައި މިހާރު އެ ސަރަހައްދުގައި ހުރި އޮޅު ތަކަށް ވީހާވެސް ގެއްލުން ނުވާނޭ ފަދަ ގޮތަކަށް މަސައްކަތް ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން މަގުގެ ގޮތުގައި އޮޅުން އެއްވެސް ބައެއް ނަގަން ޖެހިއްޖެ ހާލަތެއްގައި އޮޅުގެ ވެރި ފަރާތަށް އެ ގެއްލޭ ބަޔަށް ފައިސާ ދެވިގެން ދާނެ ކަމަށްވެސް މަސީހް ވަނީ ވިދާޅުވެފައެވެ.
ފުވައްމުލައް ޗަސްބިން އޮންނަ ސަރަހައްދުގައި ރަށުގެ ގިނަ ބައެއް ދަނޑުވެރިކަން ކުރުމާއި އޮޅުތައް ގެންގުޅެމުން އަންނަ އިރު މަގުތަކަށް ދެވޭނެ ފަސޭހަ ނިޒާމެއް ނެތުން އެއީ ގިނަ ބައެއް ކުރަމުން އަންނަ ޝަކުވާއެކެވެ. ގޭގެ ގޯތީގެ ތެރެއިން ދާން ޖެހިފައިވާއިރު މިހާރު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލާއި އަދި ގޯތި ތައް ތަރައްގީ ކުރުމުގެ ސަބަބުން ފަސޭހައިން އެ ސަރަހައްދު ތަކަށް ނުދެވޭކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. ފުވައްމުލައް ޗަސްބިން ސަރަހައްދުގައިވާ “ކޮޑަކިޅި” އަކީ ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.