English Edition
Dhivehi Edition
14 ސެޕްޓެންބަރު 2020: ސީއެސްސީ އަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ނައިބު ރައީސް، ފައިޞަލް ނަސީމް ބައްދަލުކުރައްވައި ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސީއެސްސީ އާ ދެމެދު ވިލަރެސްކުރާ ކޮމިޓީއަށް އަލަށް ގުޅިވަޑައިގެންނެވި ސީއެސްސީގެ އައު މެންބަރުންނާއި އެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ނައިބު ރައީސް ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި 4 މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އެ ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކަން ފާހަގަކުރައްވައި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ ސިވިލް ސަރވިސް ގައި ހުރި ޙައްލުހޯދަންޖެހޭ ކަންކަމަށް ވީހާވެސް ކުރުމުއްދަތެއްގެ ތެރޭގައި ޙައްލު ހޯއްދަވައި މުޅި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެ ކޮމިޝަންގެ މެންބަރުންގެ ކިބައިން އެދިވަޑައި ގަންނަވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ބާކީނުވާނެގޮތަށް ސިވިލް ސަރވިސް ތެރޭން ކަންކަން ބައްޓަން ކޮށްދެއްވުމަށާއި އެފަދަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ސީއެސްސީގެ މެންބަރުން ވަނީ ސިވިލް ސަރވިސްގެ ކަންކަން ކުރިމަގުގައި ބައްޓަންކުރުމުގައި އެބޭފުޅުންގެ ވިސްނުންފުޅު ހުރިގޮތްތައް ނައިބު ރައީސާ ޙިއްޞާކުރައްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީގައި ސަރުކާރުގެ ފަރާތުން ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ސިވިލސް ސަރވިސްގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އެބޭފުޅުންގެ ޚިޔާލުފުޅު ޙިއްޞާކުރައްވައި މަޝްވަރާކުރައްވާފައެވެ.