ފުވައްމުލައް ޗަސްބިން ސަރަހައްދުގައި އެއްވެސް ބަޔަކު ދޮންކެޔޮ ގަސް ހެއްދުމަކީ އެންވަޔަރަމަންޓް މިނިސްޓްރީން ހިތްވަރު ދޭ ކަމެއް ނޫން ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ހާމަ ކުރި ގޮތުގައި ފުވައްމުލަކުގެ ޗަސްބިން ސަރަހައްދުގައި ގިނަ ބަޔަކު ދޮންކެޔޮ ގަސް އިންދާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ދޮންކެޔޮ ގަސް އިންދުމަށް ކުރަން ޖެހޭ މަސައްކަތްތަކަކީ ފުވައްމުލަކު ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދުގެ ރައްކައުތެރިކޮށް ދެމެހެއްޓުމުގެ ގަވާއިދު ނަމްބަރު 2018/R-106 ގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ދަނޑުވެރިކަން ކުރުމުގެ އުސޫލަށް ފުށޫއަރާ ކަމެއް ކަމަށެވެ. އެގޮތުން އެ ގަވައިދުގެ ދަށުން ދަނޑުބިމަށް އިތުރަށް ފަސް އެޅޭނީ މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން ކަމަށް ބުނެފައިވީ ނަމަވެސް ގިނަ ބަޔަކު ދޮންކެޔޮ ހެއްދުމަށްޓަކައި ޗަސްބިން ސަރަހައްދަށް ފަސް އަޅައިގެން ދޮންކެޔޮ ހައްދަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެ މިނިސްޓްރީން އިތުރަށް ފާހަގަ ކުރި ގޮތުގައި ދޮންކެޔޮ އެއީ އޭގެ ޒާތުގައި ޗަސް ބިމުގައި ހެއްދޭ އެއްޗަކަށް ނުވުމާއި ގުޅިގެން އެ ހެއްދުމަށްޓަކައި ގިނަ ބަޔަކު ފަސް އަޅަމުން އަންނަ އިރު ދޮންކެޔޮ ހެއްދުމަށް ހިތްވަރުދޭން ބޭނުން ނުވާ ސަބަބަކީ ފަސް އެޅުމުގެ ސަބަބުން ޗަސްބިމުގެ ފެންދައުރުވުމަށް މައްސަލަތައް ދިމާވާނެތީ ކަމަށެވެ. ގަވައިދުގައި ސީދާ ދޮންކެޔޮ ހެއްދުން މަނާކޮށްފައި ނުވިކަމުގައި ވިޔަސް ގަވައިދަށް ފުށޫއަރާ ގޮތަށް އެއްވެސް ބާވަތެއްގެ ގަހެއް ހެއްދުން ނުވަތަ އެތަނުގައި ދަނޑުވެރިކަން ކުރުމަކީ މަނާ ކަމެއް ކަމުގައިވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ފުވައްމުލައް ސިޓީގެ ޗަސްބިމުގައި ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކުން ދަނޑުވެރިކަން ކުރަމުން އަންނަ ސަރަހައްދު ދުވަހެއް ދުވަހަކަށް ބޮޑު ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ދަނޑުވެރިކަން ކުރުމުގައި ވަކި ސަރަހައްދެއް ދަނޑުވެރިންނަށް ކަނޑައަޅައި ދީފައި ނުވި ކަމުގައިވިޔަސް ދަނޑުވެރިކަން ކުރުމުގެ ހުއްދަ ދީފައިވާނީ ކުރިން ވެސް ދަނޑުވެރިކަން ކުރަމުން އައި ސަރަހައްދުގައި އެކަނި ދަނޑުވެރިކަން ކުރުމަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފުވައްމުލަކު ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދުގެ ރައްކައުތެރިކޮށް ދެމެހެއްޓުމުގެ ގަވާއިދުގެ ޖަދުވަލު 5ގެ ދަށުން ދަނޑުވެރިކަން ކުރުމަށް ދީފައިވާ ސަރަހައްދު މިނިސްޓްރީގެ ހުއްދަޔަކާއި ނުލައި ބޮޑުކުރުމަކީ ގާނޫނީ ކުށެކެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި ފުވައްމުލަކުގެ ޗަސްބިން ސަރަހައްދުގައި އެ މިނިސްޓްރީގެ ހުއްދަ ނެތި ގިނަ ބަޔަކު މިހާރު ދަނޑުވެރިކަން ކުރަން ފަށާފައިވާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ދަނޑުވެރިކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން ގާނޫނުގައި ވާ ގޮތަށް އިން ވަކި ކޮށްފައި ނުވާކަންވެސް އެ މިނިސްޓްރީއަށް ފާހަަގަ ކުރެވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ގަވައިދާ ޚިލާފުވެފައިވާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ފުވައްމުލަކުގައި ބިމުގެ ދަތިކަމާއި ހެދި ޗަސްބިން ސަރަހައްދުގައި ގިނަ ބަޔަކު ދަނޑުވެރިކަން ކުރަމުން އަންނަ އިރު މީގެ ކުރިންވެސް ގަވައިދާ ޚިލާފުވެފައިވާ ފަރާތްތަކަށް ނަސޭހަތް ދީފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ މަޢުލޫމާތު ދީފައެވެ.